ކައިވެނީގެ ފަހުން ދީޕިކާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފިލްމު "83" މި އަހަރު ރިލީޒް ކުރަނީ

ފިލްމު "83"ގެ މަންޒަރެއް--

ކައިވެނީގެ ފަހުން ބޮލީވުޑްގެ ކާމިޔާބު ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހު ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމު "83" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

ކޮވިޑްގެ ޕެންޑެމިކްގެ ސަބަބުން އިންޑިއާގެ ސިނަމާތަށް ބަންދުކޮށްފައި އޮތުމަށްފަހު ހޮނިހިރު ދުވަހު ވަނީ ސިނަމާތަށް އަލުން އަންނަ މަހު ހުޅުވާނެކަން އިއުލާންކޮށްފައެވެ. އެއާއެކު ސިނަމާތަކުގައި ފުނިފުންޏަށް ރިލީޒްކުރަން ހުރި ފިލްމުތަކަށް އަންނަނީ ތާރީޚުތައް ދެމުންނެވެ.

މި އަހަރު ޑިސެމްބަރު މަހު މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާއިރު މި ފިލްމަކީ ހިންދީ ބަހުގެ އިތުރުން ތަމިލް، ތެލެގޫ، ކަންނާޑާ އަދި މަލަޔާލަމް ބަހުން ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ. ދެތަރިންގެ އިތުރުން "83"ގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ދިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރް ރާޖް ބާސިންއެވެ.

މި ފިލްމުގެ އިތުރުން އަމީތާބް ބައްޗަން އާ އަޖޭ ދޭވްގަން ފެނިގެންދާ ފިލްމު "މޭޑޭ" ވެސް ރިލީޒްކުރާ ދުވަސް ވަނީ އިއުލާންކޮށްފައެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ.

comment ކޮމެންޓް