ސަލްމާންގެ ގެއަށް ހަމަލާދިން ގޭންގުން އޭޕީ ދިލޮންގެ ގެއަށް ވެސް ބަޑީގެ ހަމަލާތަކެއް

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަ އޭޕީ ދިލޮން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އޭޕީ ދިލޮން ކެނެޑާގައި ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު މީހުން ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަޑީގެ ހަމަލާތަކެއް ދީފައިވަނީ ކެނެޑާގެ ވިކްޓޯރިއާ އައިލެންޑް އޭރިއާގައި އޭނާ ދިރިއުޅޭ ގެ ކައިރިއަށެވެ. މި ހަމަލާގެ ޚަބަރުތައް ފެތުރުނުތާ މާ ގިނައިރުތަކެއްނުވެ, ހަމަލާގެ ޒިންމާ އިންޑިއާގެ ގޭންގް ސްޓާ ލޯރެންސް ބިޝޯނީ ވަނީ ނަގާފައެވެ.

އޭޕީ ދިލޮންއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް އޭނާ ދިރިއުޅުނު ގެ ސަރަހައްދަށް ދީފައިވަނީ ދިލޮންގެ ދާދި ފަހުން ރިލީޒްކުރި މިއުޒިކް ވީޑިއޯ "އޯލްޑް މަނީ"އާ ގުޅިގެންނެވެ. މި މިއުޒިކް ވީޑިއޯގެ އެކްޓަރަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާންއެވެ.

ސަލްމާން ޚާނާއި އެކްޓަރުގެ އާއިލާއަށް ގޭންގް ސްޓާ ލޯރެންސް ބިޝޯނީގެ ފަރާތުން މަރުގެ އިންޒާރުތައް ދީފައިވާއިރު މި އަހަރު ތެރޭ ސަލްމާން ދިރިއުޅޭ މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓަށް ވެސް އެ ގޭންގުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އޭނާ އެކި ފަހަރުމަތިން މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ، ސަލްމާން ޚާން މަރާލުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އޭޕީ ދިލޮން ސަލްމާން ޚާން އަދި ރަންވީރް ސިންގްއާ އެކު--ފޮޓޯ/މިސްމާލިނީ
ދިލޮން ދިރިއުޅޭ ގެ ހުންނަ ސަރަހައްދުގެ އިތުރުން ޓޮރޮންޓޯގެ އެހެން ސަރަހައްދަކަށް ވެސް ހަމަ އެ ރޭ ލޯރެންސް ބިޝޯނީގެ ގޭންގުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ސަލްމާން ޚާނާ އެކު އޭޕީ ދިލޮން އެކުވެރިކަމުގެ ގުޅުން ބާއްވާތީ މިއީ ލަވަކިޔުންތެރިޔާ ސަމާލުވުމަށް ދިން އިންޒާރެއް ކަމަށާއި ސަލްމާން ޚާން އުޅެން ވާނީ ވަކި ހައްދެއްގެ ތެރޭގައި ކަމަށް މި ގޭންގުން ނެރުނު ސްޓޭޓްމަންޓްގައި ވަނީ އިޝާރާތްކޮށްފައެވެ.

މި ހާދިސާއަށް ފަހު ދިލޮން ސޯޝަލް މީޑިއާގައި ކުރޮ ޕޯސްޓުގައި ބުނެފައިވަނީ، އޭނާއާއި އާއިލާގެ ހުރިހާ މެންބަރުން ވެސް ހެޔޮ ހާލުގައި ތިބި ކަމަށެވެ. މި ހާދިސާއާ ގުޅިގެން ދިލޮންގެ އާއިލާއަށް އާއްމުންގެ ފަރާތުން ދިން ލޯތްބަށް ޝުކުރުވެރިވާ ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

comment ކޮމެންޓް