ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާ އާލިއާ ބަޓް ފްރާންސްގެ މަޝްހޫރު ލޯރިއަލް ޕެރިސްގެ އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އާލިއާގެ އިތުރުން އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން މި ބްރޭންޑްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ދެން މަސައްކަތް ކުރަނީ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަންއެވެ. ގްލޯބަލް ބްރޭންޑު އެމްބެސެޑަރުކަން ލިބުމާ ގުޅިގެން މި މަހުން ފެށިގެން ލޯރިއާލް ޕެރިސްއިން ހިންގާ ތަފާތު އެކި ކެމްޕޭންތަކުގައި ބަތަލާ ބައިވެރިވާނެއެވެ.
ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެއްގެ އެމްބެސެޑަރުކަން ލިބުމަކީ ނުހަނު ބޮޑު އުފަލެއް ކަމަށާއި ލޯރިއަލް ޕެރިސް އާއިލާއަކީ އަބަދު ވެސް މުޖުތަމައަށް ހެޔޮ ބަދަލު ގެންނަން މަސައްކަތް ކުރާ ބްރޭންޑެއްކަމަށް އާލިއާ ވަނީ ބުނެފައެވެ.
މި ބްރޭންޑު މެދުވެރިކޮށް އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން ބިއުޓީ އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަތަލާ ބުންޏެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ފިލްމީ ކެރިއަރު ފަށާފައިވާ ބަތަލާއަކީ ޔޫރަޕްގެ މަޝްހޫރު ބްރޭންޑް ކަމަށްވާ ގުޗީގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ހަމައެކަނި އިންޑިއާގެ ފިލްމީ ތަރިއެވެ.
މިދިޔަ އަހަރު ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިން ފެނުނު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ފިލްމު "ޖިގްރާ"އިންނެވެ. މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުންޏާއި ދަރުމާ ކުންފުނި ގުޅިގެން ގެނެސްދޭ ފިލްމެކެވެ.