އިޝާންގެ ފުރަތަމަ ހޮލީވުޑް ސީރީޒްގެ ޓްރެއިލާ މި އޮތީ

ފިލްމު "ދަޅަކް"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އެކްޓަރު އިޝާން ހައްތަރުގެ ފުރަތަމަ ހޮލީވުޑް ޑްރާމާ ސީރީޒް "ދަ ޕާފެކްޓް ކަޕްލް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.


ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ ނިކޯލް ކިޑްމަން، ލީވް ޝްރެއިބާ، ބިލީ ހައުލް އަދި ޑަކޯޓާ ފެނިންގް ފަދަ ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒަކީ، ޑައިރެކްޓަރު ސުޒޭން ބިއަގެ ފިލްމެކެވެ.

މިއަދު ނެޓްފްލިކްސްގައި ޕްރީމިއަކުރާ މި ސީރީޒަކީ ގެއެއްގެ ތެރޭގައި ހިނގާ މަރުގެ ހާދިސާއެއްގެ ތަހުގީގުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މާޑަ މިސްޓްރީ ޑްރާމާ ސީރީޒެކެވެ. ސުޒޭންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭ "ދި ބާޑް ބޮކްސް"، "ދަ ނައިޓް މެނޭޖަ" އަދި "ދަ އަންޑުއިންގް" ހިމެނެއެވެ.

"ދަ ޕާފެކްޓް ކަޕްލް" ޕްރިމިއާގެތެރެއިން--ފޮޓޯ/ޕިންކްވިލާ
މީގެ ކުރިން ވެސް އިނގިރޭސި ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ޒުވާން އެކްޓަރުގެ އިނގިރޭސި ޓެލެވިޒަން ޑްރާމާ "އަ ސޫޓަބްލް ބޯއި"އަށް ފަހު މިއީ އިޝާން ހޮލީވުޑްގެ ޑްރާމާއަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ހިމެނޭ މި ސީރީޒް "ދަ ޕާފެކްޓް ކަޕްލް"އާ އެކު އިޝާނަށް ހޮލީވުޑްގައި ގިނަ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި ހަނގުރާމަ މަތީ ފިލްމު "ޕިއްޕާ"އަށް ފަހު އިޝާން ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސްއިން ދާދި ފަހުން އިއުލާނު ކުރި ބޮލީވުޑް ސީރީޒް "ދަ ރޯޔަލްސް"އިންނެވެ. މި ސީރީޒްގެ ޕްރޮމޯ ދައްކާލާފައިވާއިރު ބެލުންތެރިންނާ ހަމައަށް މި ޝޯ ގެނެސްދޭޏެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް