އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގައި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކައާ ގުޅިގެން އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދޮންބިލަތް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އަކުރަމް ކަމާލުއްދީން އިންތިޚާބުވެއްޖެނަމަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ދެއްކުމާ ދެކޮޅަށް އަކްރަމް ނުކުންނަވާނެ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ގުޅުމެއް ނެތް ބޭފުޅެއް އިންތިހާބު ކުރަން އެބަޖެހޭ. އަކުރަމް ކަމާލުއްދީނަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވި ސަސްޕެންޝަނުގައި ވެސް ހުންނެވި ބޭފުޅެއް. އެމްޑީޕީގެ ގައުމީ މަޖިލީހަށް އޭނާ އިންތިހާބު ވެއްޖެނަމަ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިދިކޮޅަށް ނިކުންނާނެކަން ޔަގީން،" ދޮންބިލަތް ވިދާޅުވިއެވެ.
އެ ވާހަކައަށް ރައްދު ދެއްވަމުން އަކުރަމް "ސަން"އަށް ވިދާޅުވީ ދޮންބިލެތް ދެއްކެވީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށާއި އޭނާ އުޅެނީ އިންތިޚާބަށް ނުފޫޒުފޯރުވަން ކަމަށެވެ.
"ރައީސް ނަޝީދުގެ އައުވާނު ދޮންބިލެތް މަޖިލީހުގައި ދެއްކި ވާހަކައާ ގުޅިގެން ދައުވާ ކުރާނަން. އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ހިތާމަހުރި ކަމެއް. މިއީ ހަމަ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަން،" އަކްރަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސް ކަމަށް އަކުރަމް ކުރިމަތިލައްވާފައިވާއިރު، އެ ޕާޓީގެ ސެކްރެޓޭރިއޭޓުން ފުރަތަމަ ނިންމީ އޭނާއަށް އެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ނިންމުން މުރާޖައާކޮށްދިނުމަށް އަކުރަމް އެދިވަޑައިގަތުމުން އޭނާއަށް އެ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަކްރަމަށް ވާދަ ނުކުރެވޭނެކަމަށް އެ ޕާޓީން ކުރިން ކަނޑައެޅީ، އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އަކުރަމާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުންނުދާކަމަށް އެ ކޮމިޝަނުން ވަނީ އޭނާއަށް އަންގާފައެވެ.