އެމެރިކާއަކީ މިހާރު އިތުބާރު ގެއްލިފައިވާ ގައުމެއް: ފަރަންސޭސިވިލާތް

ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން އީވް ލޮދްރިޔާން

ނިއުޔޯކް (ސެޕްޓެމްބަރު 25): އެމެރިކާއަކީ މިހާރު އިތުބާރު ގެއްލިފައިވާ ގައުމެއް ކަމަށާއި އެމެރިކާގެ ސިޔާސަތުތައް ހުންނާނެގޮތެއް އަދި އެެމެރިކާ އަމަލުކުރާނެގޮތް ފަރަންސޭސިވިލާތަށް އަންދާޒާ ކުރަންވެސް ނޭންގޭކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ނިޔުޔޯކަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން އީވް ލުދްރިޔާން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާއަކީ މިހާރު އިތުބާރު ގެއްލިފައިވާ ގައުމެއް ކަމަށާ އެއިތުބާރު އަލުން ގާއިމްކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމުގައެވެ.

"އެކަމަށް މުއްދަތެއް ނަގާނެ" ކަން ހާމަކުރައްވަމުން ލުދްރިޔާން ވިދާޅުވީ "އެމެރިކާގެ އަމަލުތައް ހުންނަގޮތުން އެމެރިކާއަށް އިތުބާރުކުރަން ފަސޭހަ ނޫންކަން" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއަށް ދެންނެވި ކަމުގައެވެ.

ފަރަންސޭސިވިލާތުން އެމެރިކާ ދެކެ ރުޅިއައިސްގެން އުޅެނީ ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އާ ގުޅިގެން ދާދިފަހުން އަސްކަރީ އިއްތިޙާދެއް އެކުލަވާލިއިރު ފަރަންސޭސިވިލާތް އެއްފަރާތް ކުރުމާ އަދި އެކަމާގުޅޭގޮތުން ފަރަންސޭސިވިލާތާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރުމުގެ ސަބަބުންނެވެ.

މީގެއިތުރުން އޮސްޓްރޭލިއާ ފަރަންސޭސިވިލާތުން އެތަށް ބިލިޔަން ޑޮލަރެއްގެ ސަބްމެރިން ގަތުމަށް އެއްބަސްވެފައިވަނިކޮށް މިއިއްތިޙާދުގެ ދަށުން އޮސްޓްރޭލިއާއަށް އެންމެ ޒަމާނީ ނިއުކްލިޔާ ސަބްމެރިން ފޯރުކޮށްދިނުމަށް އެމެރިކާ ނިންމުމާއެކު ފަރަންސޭސިވިލާތުން ސަބްމެރިން ނުގަތުމަށް އޮސްޓްރޭލިއާ ނިންމި ނިންމުމަކީ ފަރަންސޭސިވިލާތުގެ ރުޅިގަނޑު ފަޅައިގެން ދިޔަކަމެކެވެ. ސަބަބަކީ ފަރަންސޭސިވިލާތަށް ލިބެން އޮތް ހަތް ބިލިޔަން ޑޮލަރުގެ އަގުހުރި ކޮންޓްރަކްޓްތަކެއް ގެއްލިގެން ދިޔުމެވެ.

މެކްރޯން އާއި ބައިޑެން

މިމައްސަލާގައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އެމެރިކާއަށް ފާޑުވިދާޅުވުމުން މިކަމުގައި ފަރަންސޭސިވިލާތަށް ދޫދިނުން ނެތްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ފަރަންސޭސި މަސްއޫލުވެރިންވަނީ ހިތުގައި ޖެހި އެމެރިކާގެ ފަރާތުން ފެންނަނީ ބައިވެރިއެއްގެ ފަރާތުން ނުފެންނާނެ ވަރުގެ ޚިޔާނާތްތެރިކަން ކަމަށް ސިފަކުރައްވާފައެވެ.

އެމެރިކާ އެކޭ އެއްގޮތަށް ފަރަންސޭސިވިލާތުވެސް މައިގަނޑު އުފެއްދުންތަކަކީ ހަތިޔާރާއި ހަތުޔާރާ ގުޅޭ ތަކެއްޗެވެ. އެމެރިކާ އެކޭ އެއްގޮތަށް ފަރަންސޭސިވިލާތުގެ ގައުމީ އާމްދަނީގެ ބޮޑުބަޔަކީވެސް ހަތިޔާރާއި ހަތިޔާރާ ގުޅިފައިވާ ތަކެތި އުފައްދައި އެތަކެތި ވިއްކައިގެން ހޯދާ ފައިސާއެވެ.

އެހެންކަމުން ދުނިޔޭގެ ގައުމުތަކުގައި ދާޚިލީ ހަނގުރާމަ އުފެއްދުމާއި ދޭދޭގައުމުތަކުގެ މެދުގައި ހަނގުރާމަ އުފެއްދުމުގެ ސިއްރު ރޭވުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު އެމެރިކާއެކޭ އެއްގޮތަށް ފަރަންސޭސިވިލާތުގެ މައްޗަށްވެސް ކުރެވެއެވެ.

އަނެއްކޮޅުން މިދެ ގައުމަކީވެސް އެހެން ގައުމަކުން ހަތިޔާރު އުފައްދާނަމަ އެއީ ސުލްހަ ނަގާލުމާއި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް ސިފަކޮށް އެދެގައުމުން ހަތިޔާރު އުފެއްދުމާއި ހަތިޔާރު ވިއްކުމަކީ ދުނިޔޭގައި ހަމަޖެހުމާއި ސުލްހަ ގާއިމް ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ސިފަކުރަމުން ގެންދާ ދެގައުމެވެ.

އީރާން، ރަޝިއާ، ޗައިނާ، ޕާކިސްތާން އަދި ތުރުކީ ފަދަ ގައުމުތަކުން ހަތިޔާރު އުފެއްދުމަކީ ދުނިޔޭގައި ހަމަނުޖެހުން އުފެއްދުންކަމަށް މިދެގައުމުން ފާޅުގޮތެއްގައި ސިފަކުރަމުން ގެންދެއެވެ. ޚާއްސަކޮށް އީރާނަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަޅުގައި ބަސްބުނެ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިވާ ގައުމަކަށްވާތީ އީރާނާ ދެކޮޅަށް މިދެގައުމުން ފިއްތުންތައް ކުރިމަތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.

މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އީރާނުން އަމިއްލަ ނަފްސަށް ބަރޯސާވާގޮތަށް ނިއުކްލިޔާ ޕްރޮގްރާމެއް ހިންގާތީއާއި އީރާނުން އެކިބާވަތުގެ ހަތިޔާރު އުފައްދައި އަމިއްލަ ދިފާއުގައި އަމިއްލަ ނަފްސަށް ބަރޯސާވުމަށް މަސައްކަތް ކުރާތީ ކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް އީރާން، ރަޝިއާ، ޗައިނާ، އަދި ތުރުކީ މިހާރުވަނީ ފަރަންސޭސި ހަތިޔާރަށް ޒަމާނުއްސުރެ ބަރޯސާވެފައިވާ އެފްރިކާގެ ގައުމުތަކަށް ވަރަށް ބޮޑަށް ވަދެފައެވެ. ވިޔަފާރީގެ ގޮތުންނާއި އިގްތިސާދީ ގޮތުންނެވެ. އަސްކަރީގޮތުންނާއި ސަލާމަތީ ގޮތުންވެސްމެއެވެ. މިއީ ފަރަންސޭސިވިލާތަށް އެފްރިކާގެ މާކެޓް ގެއްލި އެގައުމަށް އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމެއްކަމުން މިކަމުގައިވެސް ފަރަންސޭސިވިލާތުން ގެންދަނީ މި ހަތަރު ގައުމަށް ބަހުގެ ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އެމެރިކާއާއި ފަރަންސޭސި ޚާރިޖީ ވަޒީރުން ނިޔުޔޯކްގައި ބައްދަލުކުރައްވާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ފޯނުން ކުރެއްވި މަޝްވަރާތަކަކަށްފަހުގައެވެ. ބައިޑެން އާއި މެކްރޯން ވަނީ ދެގައުމުގެ ދެމެދުގައި އިތުބާރު އަލުން އުފެއްދުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި އަންނައޮކްޓޯބަރު މަހުގެ ތެރޭގައި ބައްދަލުކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް