ފިޤްހު ފޮރެންސިކްސް: ފޮރެންސިކް ސައިންސުގެ ދާއިރާއަށް މުހިއްމު މަފުހޫމެއް

"ފިޤްހު ފޮރެންސިކްސް" ބޭނުން ކުރެވޭ ދާއިރާތަކުގެ ތެރޭގައި ފިންގަޕްރިންޓާއި ޑީ.އެން.އޭ. ތަޙްލީލްކޮށްގެން ކުށްވެރިންގެ ވަނަވަރު ހޯދުން ހިމެނޭ -- ފޮޓޯ: އިންޓަޕޯލް

ތާރީޚު ހެކިދޭގޮތުގައި ސައިންސާއި ދީނަކީ ވަކިވެފައިވާ ދެ އެއްޗެއް ނޫނެވެ. ރަސޫލާ (ޞ.ޢ.ވ) ގެ ޞަޙާބީންގެ އަރިހުގައި ކަދުރު ރުކުގެ ދެޖިންސުގެ ކުރާގަނޑު ބޭނުންކުރައްވާ ތަލްޤީޙްކޮށް ކަދުރު އެޅުވުމަށް މަސައްކަތް ކުރެއްވުމަށް ޙަދީޘް ކުރެއްވުމުން، ބަޔާންވެގެންދަނީ ސައިންސާއި ޓެކްނޮލޮޖީ ގެ ވަސީލަތް ދުނިޔަވީ ކަންކަމުގައި ހިފުން ދީން މަނާ ނުކުރާކަމެވެ. ނަމަވެސް މިފަދަ ޙާލަތްތަކުގައި ތަބަޢަވާންޖެހޭ ކަންތައްތަކެއް ވެއެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭ ގޮތާއި، ތަބަޢަވާންޖެހޭ މިންގަނޑުތަކާއި، ދީނުގައި ކަނޑައެޅިފައިވާ ކަންކަމުގައި ޤައިދު ކުރެވިފައިވާ އަސާސްތަކަށް ތަބަޢަވުމާއި، އެކަމުގައި އިންސާނިއްޔަތަށް ނުވަތަ ޢާއްމު މަޞްލަޙަތައް ލިބޭ ފައިދާފަދަ ކަންކަމެވެ. މިދެންނެވި ބަސްތައް މާނަކޮށް، ތަފްޞީލް ކުރުމުން ދޭހަވަނީ، ސައިންސާއި ދީން ވަކި ނުކުރެވޭނެ ކަމެވެ. އެއީ، ދީން ޝަރުޢު ކުރެއްވުމުގެ މަޤްޞަދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ސައިންސްގެ ބޭނުން ހިފާނެ ގޮތުގެ އިރުޝާދުދޭ މަޞްދަރަކީ ދީން ކަމަށްވާތީއެވެ. އެހެންކަމުން މިލިޔުމުގެ މަޤްޞަދަކީ، ފިޤްހު ފޮރެންސިކްސް ގެ މަފްހޫމުގެ މައްޗަށް ފޮރެންސިކް ސައިންސްގެ ބައެއް ދާއިރާތަކުގެ ތެރޭގައި ވާހަކަ ދެއްކުމެވެ.

ފިޤްހު ފޮރެންސިކްސް ގެ މަފްހޫމުގެ މައްޗަށް ބަލާއިރު، މިމަފްހޫމަކީ ފަހުގެ ޢިލްމުވެރިން ތަޢާރަފު ކުރައްވާފައިވާ މަފުހޫމެކެވެ. ނުވަތަ މުޞްޠަލަހެކެވެ. މިބަހުގެ މާނައިގެ ތެރޭގައި ސައިންސް ބޭނުން ކުރުމުގައި އިސްލާމީ ޝަރީޢާ ބޭނުންކުރުން ހިމެނެއެވެ. އެއީ އިސްލާމީ ޝަރީޢަތާއި ސައިންސް ލާމެހިފައިވާ ގޮތުންނެވެ. މިމަފްހޫމަކީ މުހިއްމު މަފުހޫމެއް ކަމުގައިވީނަމަވެސް އިހުގެ ޢިލްމުވެރިން އިހުގެ ފޮތްތަކުގައި ތަފްޞީލީ ގޮތެއްގައި މިމަފުހޫމުގެ މައްޗަށް ވާހަކަ ދައްކާފައި ނުވެއެވެ. ނަމަވެސް ކުރީގެ ފޮތްތަކުގައި ވާހަކަ ދައްކަވާފައިވަނީ ވަކި ވަކި ބާބުތަކެއްގައެވެ. އެއީ ޤަރީނާ ނުވަތަ ބައްޔިނާ ނުވަތަ ޖިނާޔާތު ފަދަ ބާބު ތަކުގައެވެ.

"ފިޤްހު" މިބަހުގެ ބަހަވީ މާނައަކީ؛ ފުންކޮށް ވިސްނުމެވެ. ނުވަތަ އެއްޗެއްގައި ފޮރުވިފައިވާ މާނަ ދެނެގަތުމެވެ. އަލްބަހުރުލްމުޙީޠު ގައި އައްޒަރުކަޝީ ވިދާޅުވާ ގޮތުގައި ފިޤުހަކީ؛ "ތަފްޞީލީ ދަލީލުތަކުން އިސްތިންބާޠު ކޮށްފައިވާ ޝަރީޢަތުގެ ޢަމަލީ ޙުކުމްތައް ދެނެގަތުމެވެ." - "އަލްއިލްމު ބިއަޙްކާމި އައްޝަރުޢިއްޔާ އަލްޢަމަލިއްޔާ މިން އަދިއްލަތި އައްތަފްޞީލިއްޔާ". ފިޤްހު؛ މިބަސް އަލްއިމާމު ޝާފިޢީ މާނަ ކުރައްވާފައިވަނީ ހަމަ މިދެންނެވި މާނައިގައެވެ. އެހެންކަމުން ފިޤުހު ވަނީ އިންސާނުންގެ ތަކުލީފީ ޢަމަލުތަކާއި އެ ޢަމަލުތަކުގެ ޙުކުމްތައް ދެެނެގަތުމަށް ބޭނުންކުރެވޭ ދާއިރާތަކުގައި މުހިއްމު ޢިލްމަކަށް ވެފައެވެ.

"ފޮރެންސިކް" މިބަހަކީ ލެޓިން ބަހެކެވެ. މާނައަކީ؛ ފޯރަމެވެ. ނުވަތަ ބަހުޘް ކުރުމެވެ. ޤާނޫނީ އަދި ސިޔާސީ ދާއިރާތަކުގައި ކުރެވޭ ބަހުޘްތައް މިމާނައިގެ ތެރޭގައި ހިމެނެއެވެ. ތާރީޚީ ގޮތުން މިދެންނެވި މާނަތައް ހިމެނުނު ކަމުގައިވިޔަސް "ފޮރެންސިކް ސައިންސް"ގެ މާނަ ފަހުގެ ތާރީޚުގައި މާނަކުރެވެނީ މައިގަނޑު ގޮތެއްގައި ޤާނޫނީ މައްސަލަ ތަކުގައި ސައިންސްގެ ބޭނުން ހިފުމަށެވެ. މިދެންނެވި މާނައިގައި ޤާނޫނީއޭ ބުނުމުން ޖިނާއީ މައްސަލަތަކަށް އެކަނި ޤައިދެއް ނުވެއެވެ. އަދި ކިއެއްތަ! މަދަނީ އަދި ޢާއިލީ މައްސަލަތައް ޙައްލު ކުރުމުގައި ފޮރެންސިކް ސައިންސް ބޭނުން ކުރެއެވެ. މިދެންނެވި މާނަތަކާއި ތަފްޞީލު ތަކަށް ބަލާއިރު "ފިޤްހު ފޮރެންސިކްސް" ގެ މާނައަކީ؛ ބަޔާންވެ ކަނޑައެޅޭ އުޞޫލުތަކުގެ މައްޗަށް އިތުބާރުހިފޭ ސައިންޓިފިކް އުކުޅުތައް ބޭނުން ކޮށްގެން ޤާނޫނީ މައްސަލަތުގައި ޝަރުޢީ ކޯޓުތަކަށް ޙައްލު ހޯދައި ދިނުމެވެ.

"ފިޤްހު ފޮރެންސިކްސް" ބޭނުން ކުރެވޭ ދާއިރާތަކަށް ބަލާއިރު ފިންގަޕްރިންޓް، ޑީ.އެން.އޭ. މެޑިކަލް އަދި ޑެންޓަލް މަޢުލޫމާތު ތަޙްލީލްކޮށްގެން ކުށްވެރިންގެ ވަނަވަރު ހޯދުމާއި، މަރުވެފައިވާ މީހުންގެ ވަނަވަރު ހޯދުމާއި، މީހަކު މަރުވި ވާޤިޢާތަކާއި ސަބަބު ދެނެގަތުން ހިމެނެއެވެ. "ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން" ނުވަތަ "އޮޓޮޕްސީ" އަކީ ފޮރެންސިކް ޕެތޮލޮޖީ އަށް ޚާއްޞަ ޑޮކްޓަރަކު މަރުވެފައިވާ މީހަކު ތަފާތު މެޑިކަލް އެގްޒަމިނޭޝަންތައް ހަދައިގެން ޤާނޫނީ، ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް އެއްކުރެވޭ މަޢުލޫމާތު ބޭނުންކުރުމެވެ. އިހުޒަމާނުގައިނަމަ، އޮޓޮޕްސީއޭ ބުނެފިނަމަ، މިބަހުގެ މާނައިގެ ތެރޭގައި އިންސާނެއްގެ ހަށިގަނޑު ފަޅައިގެން ބަލައި، ގުނަވަންތައް ތަޙްލީލް ކުރުން ހިމެނެއެވެ. ނަމަވެސް މިއަދު އޮޮޓޮޕްސީގެ މާނާގައި މީހެއްގެ ހަށިގަނޑު ފެޅުމަކާ ނުލައި ކުރެވޭ ތަފްޞީލީ ސްކޭނުން ލިބޭ މައުލޫމާތު ހިމެނެއެވެ. އަދި ހަށިގަނޑުގެ ބޭރުން ފެންނަ ސިފަތަކާއި، ނާދިރު ސިފަތައް މިމާނައިގައިި ހިމެނެއެވެ. މިގޮތުން 4 އެޕްރީލް 2015 ވަނަ ދުވަހު މެލޭޝިއާގައި ވެއްޓުނު ހެލިކޮޕްޓަރުގައި ދަތުރުކުރި ސަރުކާރުގެ މަތީ ފެންވަރުގެ ފަރާތްތަކެއް، އެފަރާތްތަކުގެ އެންޓިމޯޓަމް-ޕޯސްޓްމޯޓަމް މައުލޫމާތު ބޭނުންކޮށްގެން މަރުވި 6 މީހުންގެ ވަނަވަރު ދެނެގަނެވިފައިވެއެވެ.

ތާރީޚީ ގޮތުން އޮޓްޕްސީ އަށް ނަޒަރު ހިންގާއިރު، ކުރިން ދެންނެވި ފަދައިން ފޮރެންސިކް ޕެތޮލޮޖީގެ މައުޟޫއަކީ ފިޤުހުގައި ޝާމިލުވާ މައުޟޫއެކެވެ. ނަމަވެސް ހުޅަނގުގެ ދަޢުވާއަކީ މުސްލިމުންނާއި އިސްލާމް ދީންވަނީ މިޢިލްމުގައި ފަހަތައް ޖެހިފައެވެ. ތެދެކެވެ. ކީރިތި ޤުރުއާނާއި، ސުންނަތުގައި މިކަމުގެ ޙުކުމާބެހޭ ޤަޠުޢީ ދަލީލެއް ނެތެވެ. ނަމަވެސް ވަރަށް ގިނަ ފިޤުހީ ޤަވާޢިދުތަކުގެ މައްޗަށްބަލައި ޢިލްމުވެރިންވަނީ މިކަމާގުޅޭ ތަފްޞީލީ ޙުކުމްތައް ނެރެދެއްވާފައެވެ. އަދި މިދެންނެވި ޤަވާޢިދުތަކާއި ޙުކުމްތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ޤައުމުތަކުންވަނީ ފިޤުހީ ޤަވާޢިދުތައް ތަޤްނީނުކޮށް މިޒަމާނަށް އެކަށޭނަ އޮޓޮޕްސީ އާއިބެހޭ ޤާނޫނުތައް ހަދާފައެވެ. މިސާލަކަށް ދަންނަވަނީނަމަ، ޤަޠަރުގައި ހެދިފައިވާ އެޤައުމުގެ އޮޓޮޕްސީއާއިބެހޭ ޤާނޫނެވެ.

އިސްލާމީ ޝަރީޢަތުގެ އެންމެމަތީ މަޤްޞަދު ތަކުގެތެރޭގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުން ހިމެނެއެވެ. އަދި ޖުމްލަކޮށް މުޅި އިސްލާމީ ޝަރީޢަތުގެ މަޤްޞަދަކީ ޢަދުލު އިންސާފު ޤާއިމް ކުރުމެވެ. މިދެންނެވި މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ކުށްތައް ޘާބިތުކުރުމަށް މިދެންނެވި ކަންކަމަށް ބޭނުންވެއެވެ. އެހެންކަމުން އިސްލާމް ދީނަށްވުރެ ބޮޑަށް ފޮރެންސިކް ސައިންސް ބޭނުންވާނެ އެހެން ދީނެއް އަދި މުޖުތަމަޢެއް ނެތެވެ. ތާރީޚީ ހެކިތައް ދައްކާ ގޮތުންވެސް މުސްލިމުންވަނީ މިކަމުގައި ކުރިއަރައިގެން ގޮސްފައެވެ. އައްނުޢުމާނު އާއި އަލްޤުރުޠުބީ ބަޤަރާ ސޫރަތުގެ 273 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. "އެއުރެންގެ ޢަލާމާތްތަކުން ތިބާއަށް އެއުރެން އެނގޭނެތެވެ." މިގޮތުން މުސްލިމުންގެ ބިމުގައި ވަނަވަރު ނޭގޭ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެނަމަ އަދި އޭނާ ޚިތާނު ކޮށްފައިނުވާނަމަ، އެމީހާ މުސްލިމުންގެ ބިމުގައި ވަޅުލުމުގެ ބަދަލުގައި ޤައުމުތަކުގެ މެދުގައި ހެދިފައިވާ ޤާނޫނޫތަކާއި އެއްގޮތަށް އޭނާގެ މައްސަލަ އިތުރަށް ބަލައި ތަޙްޤީޤު ކުރަން ޖެހޭނެއެވެ. މިތަނުގައި މަރުވެފައިވާ މީހާގެ ވަނަވަރު ދެނެގަތުމުގެ މައްޗަށްވަނީ އަހައްމިއްޔަތުކަން ދެއްވާފައެވެ. އަދި އެކަން ކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރައްވާފައިވުމުގެ އިތުރުން، އެކަމުގައި ބައްލަވާނެ މިންގަނޑުތައް ވަނީ ބަޔާންކުރައްވާފައެވެ. މިގޮތުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނާނެ އޭނާގެ ހެދުމާއި، ބެލްޓާއި، ޚިތާން ކޮށްފައިވުން ނުވަތަ ނުވުންފަދަ ކަންކަން ބަޔާންކޮށްފައިވާކަން ފާހަނގަކުރެވެއެވެ. މިއީ މިޒަމާނުގައި، ޕޯސްޓް މޯޓަން އެގްޒަމިނޭޝަން ގައިވެސް ބަލާ އަދި އިންޓަޕޯލް އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކުރޮސް (އައި.ސީ.އާރު.ސީ) އިން ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން (ޑީ.ވީ.އައި) ގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް އަދި މީހަކުގެ ވަނަރު ދެނެގަތުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ގިންތި ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕެތޮލޮޖީ އަދި ސާޖަރީގެ ރޮގުން އަރައި ހުންނެވި އަބޫ ޤާސިމު އައްޒަހުރާވީ ސާޖަރީ އާއި މީހުންގެ ވަނަވަރު ދެނެގަތުމަށާއި، ބަލިތައް ދެނެގަތުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ އެމަސައްކަތް ކުރެއްވިއެވެ. އެގޮތުން އެކަލޭގެ ފާނުންގެ "އައްތަޞްރީފް ލިމަން ޢަޖަޒަ ޢަން އައްތައުލީފް" އަކީ މިދާއިރާގައި އެންމެ ފުރަތަމަ ލިޔެވުނު އެންސައިކޮލޮޕީޑިއާ އެވެ. މި އެންސައިކޮލޮޕީޑިއާ ގައި އޮޓޮޕްސީ އާއި ގުޅޭ ވަރަށް ގިނަ އުޞޫލުތަކާއި، އިޖްރާއަތްތަކާއި، އިރުޝާދުތައް ބަޔާންކޮށްދެއްވާފައި ވެއެވެ. އަދި ސާޖަރީއާއިގުޅޭ ވަރަށް މުހިއްމު ތިން ފޮތެއް މި އެންސައިކޮލޮޕީޑިއާ ގައި ހިމެނިފައި ވެއެވެ.

އިބްނުލްޤައްޔިމު، އަލްޤަރާފީ އަދި އިބްނު ފަރުޙޫން މިބޭބޭފުޅުންގެ ފޮތްތަކުގައިވެސް މާއްދީ ހެކި ނުވަތަ ފޮރެންސިކް ހެކީގެ އަހައްމިއްޔަތުކަމާއި ކުށްތައް ޘާބިތުކުރުމުގައި އަދި ޢަދުލު އިންސާފު ޤާއިމް ކުރުމުގައި ފޮރެންސިކް ހެކީގެ ބޭނުން ހިފުން އިންސާނުންގެ ހެކިބަހަށްވުރެ މާއައުލާކަން ބޮޑުކަމަށް ބުރަވެ ވަޑައިގަންނަވައެވެ.

ފިޤްހު ފޮރެންސިކްސް އަށް ފިޤްހީ ޤަވާއިދު ބޭނުންވެއެވެ. މިގޮތުން ކުރިން ބަޔާން ކުރިފަދައިން ފިޤްހީ ޤަވާޢިދުގެ މައްޗަށް އިސްތިންބާޠުކޮށް އޮޓޮޕްސީ ހެދުމަށް ބޭނުންވާ ޙާލަތްތަކާއި، ޙުކުމްތަކާއި، ޢަމަލުކުރުމުގައި ތަބަޢަވާންޖެހޭ އުޞޫލުތައް ޢިލްމުވެރިންވަނީ ކަނޑައަޅުއްވާފައެވެ. ޖިނާއީ ތަޙްޤީޤުކުރުމަށާއި، ބަލިމަނޑުކަމެއްގެ ބަލި ދެނެގަތުމަށާއި، ތަޢުލީމީ މަޤްޞަދަށްޓަކައި އަދި ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޤާއިމްކުރުމަށްޓަކައި އޮޓޮޕްސީ ހެދުން ޢިލްމުވެރިންވަނީ ހުއްދަ ކުރައްވާފައެވެ.
ނަމަވެސް މުސްލިމުން ފަދައިން އެހެން ދީންތަކުގެ މީހުންގެ ތެރޭގައިވެސް އިހުޒަމާނުގައި އަދި މިއަދުވެސް ގިނަ ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ޢަމަލަކުރާ ގޮތުން އޮޓޮޕްސީ ހެދުމަށް ބައެއް ޙާލަތްތަކުގައި މީހުން ދެކޮޅުހަދައެވެ. މިދެންނެވި ސަބަބުގެ އިތުރުން މެޑިކަލް އެތިކްސްގެ އަސާސްތަކާއި ޖިނާއީ އިޖްރާއަތްތައް ފުށުއެރުމާއި، ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަވެ މައްޔިތާ ވަޅުނުލެވި ނަފްސާނީ ގޮތުން ބުރަ ޙާލަތެއްގައި ޢާއިލާގެ މީހުން ތިބެންޖެހުމަކީ އިހުޒަމާނުގައި އޮޓޮޕްސީ ހަދާ ގޮތަށް މިޒަމާނުގައި އޮޓޮޕްސީ ހެދުމަށް ދެކޮޅުހަދާ މައިގަނޑު ސަބަބެވެ.

ފިޤުހަކީ ޒަމާނުގެ މައްސަލަތަކަށް ޙުކުމްތައް ނެރެދިނުމުގައި ބޭނުންކުރެވޭ މުހިއްމު ޢިލްމަކަށް ވާހިނދު، ފިޤްހު ފޮރެންސިކްސް އަންނަނިވި އިޖްރާއަތްތަކަށް ތަބަޢަވުމަށް ބާރުއަޅައެވެ. ހަށިގަނޑު ފަޅައިގެން އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ކުރިއަރާފައިވާ ޤައުމު ތަކުގައި ބޭނުންކުރާފަދައިން ފަހުގެ ސްކޭން ޓެކްނޮލޮޖީ ބޭނުންކުރުމާއި އެއިން ހޯދޭ މަޢުލޫމާތު އެކަމަށް ޚާއްޞަ ޑޮކްޓަރުން މާނަކޮށް ނަތީޖާ ދިނުމާއި، ފަޅައިގެން އޮޓޮޕްސީ ހަދާ ޙާލަތުގައިވެސް މަޤްޞަދު ޙާޞިލްވާނެ އެންމެ ކުޑަ މިންވަރަށް ހަށިގަނޑުގެ ގުނަވަން ފަޅައިގެން ބަލައި ތަޙްލީލްކުރުމާއި، އޮޓޮޕްސީ ހެދުމުގެ މަސައްކަތުގެ އިޖުރާއަތްތައް ފުރިހަމަކުރުމުގައި އިންސާނީ ކަރާމާތް ނުގެއްލޭނެފަދައިން ޢަމަލުތައް ބެހެއްޓުމާއި، ހަށިގަނޑުގެ ގުނަވަންތައް ކަޝްފު ނުކޮށްވާނަމަ ކަޝްފު ނުކުރުމާއި، އެއްޖިންސުގެ ޕެތޮލޮޖިސްޓަކު ހުރިނަމަ، އެފަރާތުން އޮޓޮޕްސީ ހެދުމާއި، ގުނަވަންތައް އަނބުރާ އޭގެ މައުޤިޢަށް ނުވަތަ ހަށިގަނޑަށް ރުޖޫޢަކުރުމާއި، ވީއެންމެ އަވަހަށް މައްޔިތާ ވަޅުލުމަށް ފުރުޞަތުދީ މަގުފަހި ކުރުން ހިމެނެއެވެ.

"ސައިންސާއި – ދީން" ލާމެހިފައިވުމަށް ބުނެވޭ ބަސް؛ "ފިޤްހު – ފޮރެންސިކްސް" ގެ އަލީގައި ސައިންސާއި ދީނަކީ އެކަތި އަނެކެއްޗާއި ވަކި ނުކުރެވޭނެ ދޭއްޗެއްކަން އެނގިގެން ހިގައްޖެއެވެ. މި ދެކަން ލާމެހިފައިނުވާނަމަ، އެކަމެއްގައި ޚަލަލެއް ނުވަތަ އުނިކަމެއް ވާނެއެވެ. އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަށްޓަކައި "ފިޤްހު ފޮރެންސިކްސް" ގެ މަފުހޫމާއި، ފޮރެންސިކް ސައިންސްގެ ދާއިރާގައި ފިޤްހު ފޮރެންސިކްސް އޮތް ގުޅުމުގެ މައްޗަށް އިތުރަށް ދިރާސާކޮށް ބަޔާންކޮށްދިނުމާއި، އުގެނި ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް