އައިއެސް ގެ ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނަން: ތާލިބާން

އަފްޣާނިސްތާނުގެ ބޮޑުވަޒީރު މުއްލާ މުހައްމަދު ހސަން އަޚުންދު

ކާބުލް (ސެޕްޓެމްބަރު 19) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށާއި ނަންގަހާރު ޕްރޮވިންސްގެ ވެރިރަށް ޖަލާލްއާބާދަށް އިއްޔެ ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތް ކަމަށާ އެޖަމާއަތުގެ ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެކަމަށް އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން ބުނެފިއެވެ.

ތާލިބާންގެ ސަރުކާރުގެ ދާޚިލީ ވުޒާރާ ބުނާގޮތުން އެ ހަމަލާތަކުގެ ފަހަތުގައިވާ އައިއެސްގެ ޓެރަރިސްޓުންގެ މައްޗަށް ތަހުގީގު ހިންގައި އިންސާފު ކުރިމައްޗަށް ގެނަސް އެމީހުންނަށް ހައްގު އަދަބު ދޭނެއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ކާބުލްއާއި ޖަލާލްއާބާދުގައި ގޮއްވާލާފައިވަނީ އައިއީޑީ ތަކެކެވެ. އެ ހަމަލާތަކުގައި 7 މީހުން މަރުވެ 30 މީހުން ޒަޚަމްވެފައިވާކަމަށް އަފްޣާން ދާޚިލީ ވުޒަރާއިން ބުނެފައިވެއެވެ.

އެ ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައެއް ނުވެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި މީގެކުރިން ދީފައިވާ މިބާވަތުގެ އެތަށް ޙަމަލާތަކެއްގެ ޒިންމާ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮފި ކަމަށްވާ "ވިލާޔަތު ޚުރަސާން" އިން އުފުލާފައިވެއެވެ.

އަފްޣާނިސްތާނުގައި އައިއެސް ޖަމާއަތް ބޮޑުވެ ފުޅާވެފައިވަނީ އެމެރިކާގެ އަސްކަރީ ބާރާއި އިސްއުމާރު އެގައުމުގައި އޮތްދުވަސްވަރުގައެވެ. އެމެރިކާގެ އިސްތިއުމާރުން އަފްޣާނިސްތާން މިނިވަންވީ މިދިޔަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ.

އެމެރިކާގެ އިސްތިއުމާރު އަފްޣާނިސްތާނުގައި އޮތްދުވަސްވަރު އެމެރިކާވެސް އަދި އެމެރިކާގެ ކޮންޓްރޯލްގެ ދަށުން ވެރިކަންކުރި އަފްޣާން ސަރުކާރުތަކުންވެސް މައިގަނޑު ގޮތެއްގައި ހަނގުރާމަ ކޮށްފައިވަނީ އަލްގާއިދާއާ ތާލިބާން ޖަމާއަތާ އަދި ހައްގާނީ ނެޓްވާކް އާ ދެކޮޅަށެވެ. އައިއެސް ޖަމާއަތާ ދެކޮޅަކަށް މާބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ. ހައްގާނީ ނެޓްވާކް އަކީ ތާލިބާނުންގެ އަސްކަރީ ގޮތްޕެކެވެ.

ތާލިބާން ސަރުކާރު ބުނާގޮތުން އެމެރިކާ އަފްޣާނިސްތާނުގައި އޮތް ދުވަސްވަރު އައިއެސް ޖަމާއަތުން ވަނީ އެގައުމުގައި ވަކިތައް ވަރަށް ބޮޑަށް ހިއްޕާލާފައެވެ. ތާލިބާނުންނާއި އައިއެސްއަކީވެސް ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ދެޖަމާއަތެވެ. ނަމަވެސް ތާލިބާނުން މިފަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައުމަށްފަހު އެޖަމާއަތުގެ ހަރުކަށިކަން ކުރިޔަށްވުރެ މާބޮޑަށް ކުޑަވެފައިވާތަން ދަނީ ފެންނަމުންނެވެ.

އައިއެސް އާއި ތާލިބާނުންނަކީ ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭ ދެޖަމާއަތް ކަމަށް ވިޔަސް އެއީ ދެ ދުޝްމަނުންނެވެ. އައިއެސްއަކީ ދުނިޔޭގެ އެތަށް ގައުމެއްގައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަމުން ގެންދާ ޖަމާއަތަކަށްވާއިރު ތާލިބާނުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ ބިމުން އެމެރިކާގެ އިސްތިއުމާރީ ސިފައިން ފައްސާލުމަށާއި އެމެރިކާ އަފްޣާނިސްތާނުގައި ގާއިމްކޮށްފައިވާ ސަރުކާރު ވައްޓާލުމަށްފަހު އަފްޣާނިސްތާނުގެ ވެރިކަން ހޯދުމުގެ މައްޗަށެވެ.

އަފްޣާނިސްތާނުން ބޭރަށް ތާލިބާނުންގެ އެއްވެސް ހަމަލާއެއް އަމާޒުކޮށްފައި ނުވާއިރު ތާލިބާނުންވަނީ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ އަނިޔާވެރިކަމާއި އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަންކުރުމުގައި ވަރަށް ބޮޑު ގައުމީ ދައުރެއް އަދާކޮށްފައެވެ. ނަަމަވެސް އަފްޣާން އާންމުންނަށް އެމެރިކާގެ ފަރާތުން އަނިޔާތައް ލިބުނު ގޮތަށް ތާލިބާނުންގެ ފަރާތުންވެސް އަފްޣާން އާންމުންނަށް އަނިޔާތައް ލިބިފައިވެއެވެ.

ތާލިބާނުން ބުނާގޮތުން އައިއެސް ޖަމާއަތުން މަސައްކަތް ކުރަނީ އަފްޣާނިސްތާނުގެ ވެރިކަން ހޯދައި އެޖަމާއަތުގެ ބާރުގެ ދަށަށް އެގައުމު ގެނައުމަށެވެ. ތާލިބާނުންނަކީވެސް ވެރިކަމަށް މަސައްކަތްކުރާ ޖަމާއަތަކަށްވާތީ ތާލިބާނުންނާއި އައިއެސް އާ ދެމެދުގައިވާ ދުޝްމަން ކަމުގެ މައިގަނޑު ސަބަބަކީ މިއެވެ.

އަފްޣާނިސްތާނުގައި އައިއެސްގެ ހަނގުރާމަވެރިން އެންމެ ގިނަ ކަމަށްވަނީ ނަންގަހާރު ޕްރޮވިންސް ގައެވެ. ތާލިބާނުން ގެންދަނީ އަފްޣާން ބިމުން އައިއެސްގެ ވުޖޫދު ފުހެލުމަށްޓަކައި ވަރުގަދަ ޕްލޭނެއް ރާވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޕްލޭނާބެހޭގޮތުން ތާލިބާންގެ ސަރުކާރުން އަދި އެއްޗެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އިސްތިއުމާރީ ބާރުތައް އަފްޣާނިސްތާނުން ފައިބަމުން ގެންދަނިކޮށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ކާބުލް އެއާޕޯޓަށް އައިއެސް ޖަމާއަތުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 60 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުންނާއި ތާލިބާނުންގެ 28 ހަނގުރާމަވެރިން ހިމެނެއެވެ. މި ހަމަލާއަށް ބަދަލު ހިފުމުގެގޮތުން އެމެރިކާ ދިން ޙަމަލާތަކުގައި މަރުވެފައިވަނީ އަފްޣާން އާންމުންނެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

comment ކޮމެންޓް