އދ.ގެ މޫސުމާބެހޭ ކޮންފަރެންސްގައި ފުރަތަމަ ފަހަރަށް ތާލިބާނުން ބައިވެރިވަނީ

އދގެ މޫސުމާބެހޭ ކޮންފަރެންސް، ކޮޕް29 ބާއްވާ އަޒަރުބައިޖާންގެ ވެރިރަށް ބާކޫ --- ފޮޓޯ/ރޮއިޓާސް

އަންނަ ހަފުތާގައި ފަށާ އދ.ގެ މޫސުމާ ބެހޭ ބޮޑު ކޮންފަރެންސެއްގައި އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން ބައިވެރިވާނެ ކަމަށް އަފްޣާން ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން ކޮންފަރެންސްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ ސީއޯޕީ29 ކްލައިމެޓް ސަމިޓަކީ ނޭޓޯގެ ތާއީދު އޮންނަ ބާރުތަކާ ދެކޮޅަށް 20 އަހަރު ވަންދެން މަސައްކަތްކުރުމަށްފަހު ކާބުލްގެ ކޮންޓްރޯލް ހޯދި ފަހުން ތާލިބާނުންގެ އޮފިޝަލުން ބައިވެރިވާ އެންމެ މަތީ ފެންވަރުގެ މަލްޓިލޭޓަރަލް އިވެންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ.

އަންހެނުންގެ ތައުލީމާއި މިނިވަންކަމަށް ތާލިބާނުން ކަނޑައަޅާފައިވާ ހުރަސްތަކުގެ ސަބަބުން އދގެ އާންމު މަޖިލީހުގައި އަފްޣާނިސްތާނުގެ ގޮނޑިއަށް ތާލިބާނުންނަށް ފުރުސަތު ދީފައެއްނުވެއެވެ. ތާލިބާން ސަރުކާރަކީ އދގެ މެންބަރު ގައުމުތަކުން ރަސްމީކޮށް ބަލައިގަންނަ ސަރުކާރެއް ވެސް ނޫނެވެ.

ދޯހާގައި އަފްޣާނިސްތާނާ ބެހޭ ގޮތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ތާލިބާނުންގެ އޮފިޝަލުން ބައިވެރިވެފައިވާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި ޗައިނާއާއި މެދުތެރޭ އޭޝިއާގައި ބާއްވާ ފޯރަމްތަކުގައި ވެސް ތާލިބާނުންގެ ވަޒީރުން ވަނީ ބައިވެރިވެފައެވެ.

ނަމަވެސް، ސީއޯޕީގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ބިއުރޯއިން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެ ކޮންފަރެންސްގައި އަފްޣާނިސްތާނުގެ ބައިވެރިވުމަށް ހުރަސްއަޅާފައެވެ.

މި ފަހަރުގެ ކޮންފަރެންސް ބާއްވާ އަޒަރުބައިޖާނުން އަފްޣާން އެންވަޔަރަންމަންޓް އެޖެންސީގެ އޮފިޝަލުންނަށް ސީއޯޕީ29އަށް ދައުވަތު ދީފައިވަނީ ކޮންފަރެންސްގެ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށެވެ.

އަފްޣާނިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ފެންބޮޑުވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް ވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެ ގައުމަށް ވަނީ ދިހަވަރަކަށް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަމާވެސް ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް