މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިންގަމުން ދިޔަ ވަގުތު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފިޔަވަތީގެ ތެރެއަށް ވަދެވަޑައިގެންނެވި މައްސަލައިގައި ޝުޖާއުގެ މައްސަލަ އެލްޖީއޭއަށް ހުށަހެޅުމާއެކު ޝުޖާއުގެ ދިފާއުގައި ޕީޕީއެމުން ބަޔާނެއް ނެރެފިއެެވެ.
މިރޭ ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ ފިޔަވަތީގެ ހާލަތު ގޯސްވެގެން ދިޔަ ވަގުތު އެ ތަނުގެ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޝުޖާއުކަމަަށެވެ. އަދި މިއަދު ޝުޖާއުގެ މައްސަަލަ އެލްޖީއޭއަށް ހުށަހަޅަން ނިންމާފައިވަނީ އެ ރޭ ޝުޖާއުގެ ފަރާތުން ފެނިގެންދިޔަ ހަރުދަނާ އަމަލުތަކުގެ ސަބަބުންކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.
"އިބްރާހީމް ޝުޖާއު އަށް ރައްޔިތުން ތައުރީފް ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެމަނިކުފާނަށް ފިޔަވަޅު އެޅުމަށް ނިންމާ އެމަނިކުފާނުގެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އިބްރާހީމް ޝުޖާއުގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެއެވެ،" އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ ޝުޖާއަކީ އިޖްތިމާއީ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވާ ހަރުދަނާ ބޭފުޅެއްކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ފިޔަވަތީގައި ހަމަނުޖެހުން ހިންގަމުން ދިޔަ ވަގުތު ޝުޖާއު ވަނީ އެ ސަރަހައްދަށް ވަޑައިގެން، އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އޭނާގެ މައްސަލަ އެލްޖީއޭއަށް ހުށަހަޅަން މަޖިލީހުގެ ޖެންޑާ ކޮމިޓީއިން ނިންމާފައިވަނީ އެ ފިޔަވަތީގެ ތެރެއަށް ވަދެވަޑައިގެން އެ ތަނުގެ ކުދިންނާ މުއާމަލާތްކޮށް، ފިޔަވަތީގެ ތެރެއަށް އިތުރު މީހުން ވެއްދުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެެއެވެ.