ޖަރުމަނުގެ ބުންޑެސްލީގާގައި އަލަށް ކޮލިފައިވި ބޯޙަމްއާ ކޮޅަށް ބަޔާން މިއުނިކުން ހަތް ގޯލު ޖަހައިފިއެވެ.
ބަޔާންގެ އެލަޔަންޒް އެރީނާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ނިމުނީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މޮޅާ އެކު ބަޔާން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވުލްފްސްބާގަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް މެއިންޒްއަށް ލިބިފައިވަނީ 10 ޕޮއިންޓްއެވެ.
މާދަމާ ރޭ އެއިންޓްރެޗް ފްރެންކްފާޓާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ވޮލްފްސްބާގަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.
މިރޭގެ މެޗު ފަށައިގެން ބޯޙަމްއަށް ޔޫރޮޕުގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި ޓީމު ހިފަހައްޓާލެވުނީ އެންމެ 17 މިނެޓެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމަށްފަހު އައިސް ބަޔާނުން ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ ހިލޭ ޖެހުމަކުން ލެރޮއީ ސާނޭއެވެ. އޭގެ 10 މިނަޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޖޮޝުއާ ކިމިޗްއެވެ.
އަދި އޭގެ ފަސް މިނަޓު ފަހުން ސާޖް ގުނާބްރީ ބަޔާނަށް ތިންވަނަ ގޯލެއް ޖަހައިދިން އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ހަތަރު ގޯލުގެ ލީޑެއް ލިބުނީ އަދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރު ތަކެއް ނުވަނީ ރޮބާޓް ލެވަންޑޮސްކީ ބަޔާނުގެ ފަސްވަން ގޯލު ޖަހައިދިން އިރު، ހަވަނަ ގޯލަކީ މިޑްފީލްޑަރު ކިމިޗް ޖެހި ގޯލެކެވެ. ބަޔާން މިރޭގެ މެޗުގައި ޖެހި ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ތޯމަސް މުލާއެވެ.
މިރޭގެ މެޗަކީ ބަޔާން މިއުނިކަށް ވިދިވިދިގެން މޮޅު ހޯދި ހަތްވަން މެޗެވެ. އަދި އެހެންމެ މިރޭގެ މެޗުގައި ޖެހި ގޯލާ އެކު ލެވަންޑޮސްކީ ވަނީ ބޮޑު ރެކޯޑަކާ ގާތް ކޮށްފައެވެ. ލީގުގައި ވިދިވިދިގެން 15 މެޗުގައި މިހާތަނަށް އޭނާ ގޯލު ޖަހާފައިވާ އިރު، އެއަށް ވުރެން އިތުރަށް (16) މެޗުގައި ގޯލު ޖެހީ މިފަހުން މަރުވި ޖަރުމަނުގެ ލެޖެންޑް ގާޑް މުލާ އެވެ.