މަޝްވަރާއަށްފަހު ހިރިލަންދޫ ކުދިން ސުކޫލަށް ނުފޮނުވައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: މިނިސްޓްރީ

ހިރިލަންދޫ ސުކޫލުގެ ބެލެނިވެރިން ސުކޫލުގައި ބޮޑުތަޅު އެޅުވުމަށްފަހު އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ތ. ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ނުލިބޭ ކަމަށް ބުނެ، ދަރިވަރުން ސުކޫލަށް ނުފޮނުވާ މައްސަލައިގައި ބެލެނިވެރިންނާ މަޝްވަރާ ކުރުމަށްފަހުގައި ވެސް ކުދިން ސުކޫލަށް ނުފޮނުވައިފިނަމަ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ވިއްސާރަވުމުން ހިރިލަންދޫ ސްކޫލްގެ ހޯލަށް ފެން ވިއްސާ މައްސަލައާއި ފުރާޅާއި ސީލިންގު ފޫގޮސްފައި ހުރުމުގެ ސަބަބުން ދަރިވަރުންގެ ފޮތްތައް ތެމޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ އެ ރަށު ބެލެނިވެރިން މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ނިކުމެ ވަނީ ސްކޫލްގެ ގޭޓްގައި ބޮޑުތަޅު އަޅުވާފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަހުމަދު އަލީ "ސަން"އަށް ވިދާޅުވީ ފުރަތަމަ ދުވަހު ސުކޫލު ބަންދުކޮށްގެން، ކުދިން ނުފޮނުވުމުން ވެސް އެޑިއުކޭޝަނުން ބެލެނިވެރިންނަށް އަންގަން ޖެހޭ އެންގުންތައް އަންގައިފައިވާނެ ކަމަށެވެ.

"ކުރީ ދުވަހު ވެސް އެގޮތަށް އަންގާފަ އޮއްވާ އެ ބޭފުޅުން ފަހުން އަނެއްކާ ވެސް ސުކޫލު ދޮށަށް އެއްވެ، ސުކޫލު ގޭޓު ބަންދުކޮށްގެން އިހުތިޖާޖުކުރަމުން ގެންދިޔައީ. އެހެންނަމަވެސް ދެން މަލްޓިޕާޕޮސް ހޯލު މިހާރުން މިހާރަށް އިއުލާނުކުރީމަ ނޫނީ ނުހުޅުވާނެ ކަމަށް އެ ބޭފުޅުންގެ ޑިމާންޑަކީ. އެކަން އަޅުގަނޑުމެންނަށް ވަގުތުން ވަގުތަށް އިއުލާނު ނުކުރެވޭނެކަން އެ ބޭފުޅުންނަށް އަންގާފަ ވާނީ" އަހުމަދު ވިދާޅުވިއެވެ.

ގާނޫނުގައި ދަރިވަރުންނަށް ގެއްލުންވާ ގޮތަށް ސުކޫލު ބަންދުކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނަ ކަމަށާއި ބެލެނިވެރިން ގާނޫނާ ހިލާފަށް އެކަން ތަކުރާރުކޮށް ކުރާނަމަ އެޅިދާނެ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ގާނޫނީ ގޮތުން އެކަން ހައްލުކުރުމަށް ޓަކައި، އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ގެއްލުން ވާނެ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ހަމަ މަޝްވަރާގެ އުސޫލުން އެކަން ކުރުމަށް ފުރަތަމަ އިސްކަން މި ދެވެނީ. އެކަން އެގޮތަށް ނުކުރެވިދާނަމަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން." އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުކޫލުގެ މަލްޓިޕާޕޯސް ހޯލު އަޅަން އިއުލާނުކުރެވޭނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް މަހެއް ހާ ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިހާރު އޮތް ހައްލަކީ ކުރިން ވެސް ކިޔަވައިދެމުން އަންނަ ގޮތަށް ދެ ދަންފަޅިއަށް ކިޔަވައިދިނުން ކަމަށާއި އެކަން ސުކޫލަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިރިލަންދޫ ސުކޫލުގައި ހަތަރު ގުރޭޑަކަށް މިހާރު ވެސް ކިޔަވައިދެމުން އަންނަނީ 1992ވަނަ އަހަރު އެ ރަށު ރައްޔިތުން އަޅައިފައިވާ ހޯލެއްގައެވެ. އެތަނުގައި ދޮރެއް ދޮރުފަތެއް ނުހުންނާތީ، ވިއްސާރަވެއްޖެނަމަ ދަރިވަރުންގެ ގަޔަށާއި ފޮތްތަކަށް ފެން ވިއްސައެވެ. އަދި ފުރާޅާއި ސީލިންގު ފޫގޮސްގެން ވެސް ފެން ފައިބާކަމަށް އެ ރަށުގެ ބެލެނިވެރިން ބުނެއެވެ.

comment ކޮމެންޓް