2023ވަނަ އަހަރު ގެންގުޅޭނީ ޑިޖިޓަލް އައިޑީކާޑު: ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

ދެހާސް ތޭވީސްވަނަ އަހަރާ ހަމައަަށް ރާއްޖެ ދާއިރު އައިޑާކާޑުގެ ގޮތުގައި ވެސް ބޭނުންކުރާނީ ޑިޖިޓަލް އައިޑީކާޑުކަމަށް ކޮމިއުނިކޭޝަން ޓެކްނޮލޮޖި މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގަވް އެމްވީ އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަަށް ސަރުކާރުގެ ޑިޖިޓަލް ޑިވެލޮޕްމަންޓުގެ ތަސައްވުރުގައި ގިނަ ކަންތައްތަކެއް ހާސިލްކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

"މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައީޑީގެ ނިޒާމެއް ކުރިއަށް ދެ އަހަރުގެ ތެރޭގައި ގާއިމްކުރެވުގެންދާނެ،" ޝައުނާ ވިދާޅުވިއެވެ.

އަދި މިހާރު ބޭނުން ކުރަމުން އަންނަ އީ ފާސް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ޑިޖިޓަލް ހުރިހާ ހިދުމަތެއްގައި ބޭނުންކުރެވޭނެހެން އެ ނިޒާމް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީއާއި ޓެކްނޮލޮޖީގެ ރޮނގުން ދެމުން ގެންދާ ހިދުމަތްތައް ފުޅާކުރުމުގެ މަސަައްކަތް ވެސް ކުރެވެމުން އަންނަ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް އިގްތިސާދަކާ ދިމާއަަށް ދިއުމަށް ޓަކައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)، ގަވަމަންޓް ޑިޖިޓަލް ސާވިސްއަަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަަށް ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެންސީއައިޓީއަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކާއި ތަރައްގީ ނުގެނެވި އެތައް އަހަރެއް ހޭދަވެފައިވާކަމަށެެވެ. ނަމަވެސް މި ސަރުކާރުން މި ހިދުމަތް ތަރައްގީކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝަައުނާ ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ލައިސެންސާ ނުލާ ސޮފްޓްވެއާ ބޭނުންކުރާ ގިނަ އިދާރާތަކެއް އަދިވެސް އެބަހުރިކަމަށާއި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވަރަށް ގިނަ އިދާރާތަކުގައި އަދިވެސް ސޮފްޓްވެއާ ބޭނުންކުރަނީ ލައިސެންސް ހޯދުމަކާ ނުލާ، ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކަައި މައިކްރޯސޮފްޓާއެކު އެއްބަސްވުމުގައި ސޮއިކޮށް މައިކްރޯސޮފްޓް އޮފީސް 365 ޕްލެޓްފޯމްގައި 20،000 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. އަދި ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބަދަލުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް