ޓީޓީއެމް މޯލްޑިވްސް މިއަހަރުގެ ނޮވެމްބަރު މަހު ބާއްވަނީ

މީގެ ކުރިން ބޭއްވި ޓީޓީއެމް ސަމިޓެއްގެ ތެރެއިން -- ފޮޓޯ އޯކާ މީޑިއާ

ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް މިއަހަރުގެ ނޮވެމްބަރު ބާއްވަން ނިންމައިފިއެވެ.

އެ ފެއާ އިންތިޒާމުކުރާ އޯކާ މީޑިއާ ގުރޫޕުން ބުނީ މިއަހަރުގެ ފެއާގައި ވާޗުއަލްކޮށް އަދި ފެއާ ބާއްވާ ތަނަށް ގޮސްގެންވެސް ބައިވެރިވެވޭނެ ކަމަށެވެ.

ޓީޓީއެމް މޯލްޑިވްސްގެ ތެރެއިން ކުރިއަށްދާ ޓީޓީއެމް ޓްރެވަލް ސަމިޓް އޮންނާނީ ނޮވެބަރު 28ވަނަ ދުވަހުގައެވެ. އަދި ޕްރީ-ޝެޑިއުލްޑް މީޓިންތައް އޮންނާނީ ނޮވެމްބަރު 29އާއި 30ވަނަ ދުވަހުގައެވެ.

ޓީޓީއެމް އެވޯޑްސްއާއި ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30ގައެވެ.

އޯކާ މީޑިއާ ގުރޫޕުން ލަފާކުރާ ގޮތުގައި މިއަހަރުގެ ޓީޓީއެމްގައި 300އަށްވުރެ ގިނަ ހޮޓެލިއަރުންނާއި ސަޕްލަޔަރުންނާއި ޓްރެވަލް އަދި ގުޅޭ އެހެން ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

ޓީޓީއެމްގެ ވެބްސައިޓް މެދުވެރިކޮށް އެ ފެއާގައި ބައިވެރިވާން ރަޖިސްޓްރީ ވެވޭނެއެވެ. ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވާނީ އޮކްޓޫބަރު 15ވަނަ ދުވަހަށެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއީ މި ފެއާ ބާއްވާ ފަސްވަނަ އަހަރެވެ.

comment ކޮމެންޓް