އޮސްޓްރޭލިޔާގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ މަރު ގިނަވެ އިގްތިސާދު އިނދަޖެހެނީ

ފުރަބަންދާއެކު އޮސްޓްރޭލިއާގެ ސިޓީތަކުގެ މަގުތައް ފަޅުވެފައި

ކެންބެރާ (ސެޕްޓެމްބަރު 11): އޮސްޓްރޭލިޔާގެ ކޮވިޑް-19 ކޮންޓްރޯލް ނުވެ ދުވާލެއްގެ މައްޗަށް ދެހާހަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހި ގިނަ ބަޔަކު މަރުވެ އިގްތިސާދު އިނދަޖެހުމުން ދާކަމަށް އެ ގައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ މައި ސަރުކާރު ބުނާގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ އެދެވޭ އަސަރު ފެނިފައިނުވުމާއި މަރުގިނަވުމާއި އިގްތިސާދު ހީނަރުވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމުގައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުގެ އެއްބައި ސަރަހައްދުތައް ފުރަބަންދުކުރުމާއި އަނެއްބައި ސަރަހައްދުތައް ފުރަބަންދު ނުކުރިނަމަވެސް ސްކޫލްތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމާއި އޮފީސްތައް ބަންދުކުރުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ގިނަ މުއާމަލާތްތައް އޮންލައިންކޮށް ކުރުން ހިމެނެއެވެ.

އޮސްޓްރޭލިއާގައި ކޮވިޑް އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ

މި ހަރުކަށި ފިޔަވަޅުތަކަށް ތިންހަފްތާއަށް ވުރެ ދިގުމުއްދަތެއް ވެފައިވާއިރު އިއްޔެވެސް އެގައުމުން ދެހާހަށް ވުރެ ގިނަމީހުން ކޮވިޑް އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ހަރުކަށި ފިޔަވަޅުތަކާއެކުވެސް ކޮވިޑް ފެތުރޭމިންވަރު ކޮންޓްރޯލް ނުވަނީ އެގައުމުގައި ފެތުރެމުންދަނީ އިންޑިއާއިން ފެނުނު ކޮވިޑްގެ ޑެލްޓާ ވޭރިއެންޓްކަމަށްވާތީ ކަމަށް ސިއްހަތާބެހޭ މާހިރުން ދެކެވަޑައިގަންނަވައެވެ. އަދި ހަރުކަށި ފިޔަވަޅުތަކާއެކުވެސް ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ކޮންޓްރޯލް ކުރުމަށް މިއަށްވުރެވެސް ދިގުމުއްދަތެއް ނަގާނެކަމަށް އެފަރާތްތަކުން ދެކެއެވެ.

ފުރަބަންދާ އަދި ހަރުކަށި ފިޔަވަޅުތަކާއެކު އެތައް ހަފުތާއެއް އޮސްޓްރޭލިޔާ ހޭދަކުރަން ޖެހުމުގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓްވެ އެ ގައުމުގެ އިގްތިސާދަށްވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

އޮސްޓްރޭލިޔާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ސްޓޭޓަކީ ނިޔު ސައުތު ވޭލްސްއެވެ. އެ ސްޓޭޓްގައި ދުވާލެއްގެ މައްޗަށް ދޮޅު ހާހާއި ދެހާހާ ދެމެދުގެ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެއެވެ. އަދި އެވްރެޖްކޮށް ފަސްމީހުންނާއި ދިހަ މީހުންނާ ދެމެދު އަދަދަކަށް އެބަލީގައި މީހުންވެސް މަރުވެއެވެ.

އޮސްޓްރޭލިއާގައި ކޮވިޑް ކޮންޓްރޯލް ނުވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ވެކްސިން ދެވޭމިންވަރު ލަސްވުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ކުޑަވުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އޮސްޓްރޭލިއާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ކޮވިޑް އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދެން ލުއިދެވޭނީ ވެކްސިން ކަވަރެޖް މަތިވާ މިންވަރަށް ބަލައިގެންނެވެ. ވެކްސިން ކަވަރެޖް މަތިވާ ސްޓޭޓްތަކަށް ލުއިތައް ދިނުމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިންވަނީ ޕްލޭނެއް އެކުލަވާލާފައެވެ.

comment ކޮމެންޓް