ބަރުލަމާނީ ކެމްޕެއިން ކުރަމުން ދިޔަ ޕިކަޕަކަށް ގެއްލުންދީ ހުރަސް އަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަނީ ---

ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ޕިކަޕެއް ހުއްޓުވައި ގެއްލުންދީ ކެމްޕެއިނަށް ހުރަސް އަޅައިފިއެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް "ސަން"އަށް ވިދާޅުވީ ކެމްޕެއިނަށް ހުރަސް އަޅާފައިވަނީ މިރޭ އޮތް ކެމްޕެއިން ޖަލްސާއަަކަށް ދައުވަތު ދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ.

"ޕިކަޕެއް ނެރުނީ. ދެން ނެރެފައި ދުއްވާފައި ދަނިކޮށް ބަޔަކު ޕިކަޕު ހުއްޓުވާ ޖަނަރޭޓަރަށް ގެއްލުންދީ، އަޅުގަނޑުމެން ހިފައި ގެންގުޅޭ އާލާތްތަކަށް ގެއްްލުންދީ، އަޅުގަނޑުމެންގެ ކުދިންނާ ދިމާކޮށް ހަދައި، މުދަަލަށް ގެއްލުން ދީ ހަދައިފި،" ނިޝާން ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ އެގޮތަށް ހުރަސް އަޅާ ގެއްލުން ދިނުމުގެ ސަބަބުން ކެމްޕެއިނަށް ބާއްވާ ޖަލްސާއަށް ދައުވަތު ދިނުމަށް ކުރަމުން އައި މަސައްކަތަށް ބޮޑު ހުރަސްތަކެއް ކުރިމަތިވިކަމަށެވެ.

"މިރޭ އޮތް އިވެންޓާ ގުޅިގެން ޕިކަޕުގައި ރައްޔިތުންނަށް ފޯރުކުރި ވާހަކަ އެހިސާބުން ހުއްޓުނީ. ފެސިލިޓީތަކަށް ގެއްލުން ދިނީމާ އޭތި ހުރީ ހަލާކުވެފައި،" ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު މި މައްސަލަ އަނގަބަހުން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ރަސްމީކޮށް އެ މައްސަލަ ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތް ހުއްޓުވާލުމަށް މަސައްކަތްކުރިކަމުގައިވީ ނަމަވެސް އެއްވެސް މިންވަރަކަށް ފަހަތަށް ނުޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނާޅާނަން ފަހަތަކަށް އެންމެ ފިޔަވަޅެއް ވެސް. މިގޮތަށް މިކަން ހިނގައިދިޔައިމާ އަޅުގަނޑުމެންނަސް ލިބުނު އިތުރު ހިތްވަރެއް މިއީ. މިހާރު އަޅުގަނޑުމެން ކޮންމެ މީހަކީ އެކަކުގެ ބަދަލުގައި ދިހަ މީހުން،" އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ކެމްޕެއިނަށް ތާއީދުކޮށް ވެސްޓް ޕާކް ސަރަހައްދުގައި އޮތް ބައްދަލުވުން މިރޭ 8:30 އިން ފެށިގެން ކުރިއަށް ދާނެކަމަށެވެ. އަދި މިރޭގެ މި ބައްދަލުވުމުގައި އާންމުންނަށް މި ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުން ވެސް ކުރިއަށްދާނެކަމަށް ނިޝާން ވިދާޅުވިއެވެ.

comment ކޮމެންޓް