މާލޭގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ބެލޭނެ ނިޒާމެއް ގާއިމުކޮށްފި

އޮގަސްޓް 1، 2021: މާލޭގެ އާޓީފިޝަލް ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު ކޮންމެ މީހަކަށްވެސް ބެލޭނެ ނިޒާމެއް އެންވަޔަރަންމަންޓް މިނިސްޓްރީން ގާއިމުކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ވައިގެ ކޮލިޓީ ބެލޭނެ ނިޒާމެއް ފުރަތަމަ ގާއިމު ކުރީ މާލޭގައި ކަމަށްވީ ނަމަވެސް، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ވައި ތަޣައްޔަރުވާ މިންވަރު ބެލޭނެ ގޮތް މުސްތަގުބަލުގައި ހަދާނެ ކަމަށެވެ.

"މާލޭގެ ވައިގެ ކޮލިޓީ ބެލޭނެ ނިޒާމެއް އަޅުގަނޑުމެން ވަނީ ގާއިމުކޮށްފަ. އެހެން ސަރަހައްދުތަކުގައިވެސް އިތުރު [ނިޒާމުތައް] ގާއިމު ކުރާނެ،" ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އެހެން ވިދާޅުވީ އިއްޔެ ބައިނަލްއަގުވާމީ "ކްލީން އެޔާ ޑޭ ފޯ ބްލޫ ސްކައިސް" ފާހަގަ ކުރުމުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ވައިގެ ކޮލިޓީ ބެލުމަށްޓަކައި "އެއާ ވިޝުއަލް" އެޕް ފޯނަށް އަޅާ، އެ މިނިސްޓްރީގެ ނަން ހިޔާރު ކުރުމުން މާލޭގެ ވައިގެ ހާލަތު ބެލޭނެ ކަމަށެވެ.

އެގޮތުން މިވަގުތު މާލޭގެ ވައިގެ ކޮލިޓީ ނުވަތަ "އެޔާ ކޮލިޓީ އިންޑެކްސް" ހުރީ "މޮޑެރޭޓް" ލެވެލްގައެވެ.

އެމެރިކާގެ އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނާ ގޮތުގައި މޮޑެރޭޓް ލެވެލްއަކީ ގިނަ މީހުންނަށް ނުރައްކާވާ މިންވަރެއް ނޫނެވެ. ނަމަވެސް ވައި ތަޣައްޔަރުވުމުން އެކަމަށް "އާދަޔާ ހިލާފަށް ސެންސިޓިވް"، މަދު އަދަދެއްގެ މީހުންނަށް ބައެއް ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

comment ކޮމެންޓް