މެޗުގެ 94 ވަނަ މިނިޓުގައި ގެރެތު ބޭލް ޖެހި ލަނޑާއެކު 3-2 ބެލަރޫސްގެ މައްޗަށް ކުރި ހޯދައި ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕުގެ ގްރޫޕް އީގެ ތިން ވަނަ މޮޅު ވޭލްސްއިން ހޯދައިފިއެވެ.
މެޗުގައި ވޭލްސްގެ ތިން ލަނޑު ވެސް ޖަހައިދިނީ ބޭލްއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވޭލްސްއިންނެވެ. ލިބުނު ޕެނަލްޓީއަކުން ފަސް ވަނަ މިނިޓުގައި މިލަނޑު ޖަހައިދިނީ ބޭލްއެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ވޭލްސްގެ ޑިފެންޑަރު ކްރިސް ގަންޓާ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބެލަރޫސްއިން ނަތީޖާ އެއްވަރުކުރިއެވެ. މިލަނޑު ޖެހީ ވިޓާލީ ލިސަކޮވިޗްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެވެލް ސެޑްކޯ އިތިރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 2-1 ބަދަލުކޮށްލިއެވެ.
ދެވަނަ ހާފުގެ 69 ވަނަ މިނިޓުގައި ވޭލްސްއިން ނަތީޖާ 2-2 ބަދަލުކޮށްލިއެވެ. ބެން ޑޭވިސް ހޯދި ޕެނަލްޓީ ބޭލް ވަނީ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.
މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ވޭލްސްއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ އޭނާގެ ތިން ވަނަ ގޯލާއެކު ބޭލްއެވެ. ޑެނިއަލް ޖޭމްސް ހުރަސްކޮށްދިން ބޯޅައަކުން ބޭލް އެއްފަހަރުން ފޮނުވާލި ހަމަލާ އަމާޒުވޯ ގޯލުގެ ކަނަށެވެ.
މިނަތިޖާއާއެކު މެޗެއް މަދުން ކުޅެ ވޭލްސް އޮތީ ތާވަލުގެ ތިން ވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ޗެކް ރިޕަބްލިކްއަށް ހަތަރު މެޗު ކުޅެގެން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ގްރޫޕް އީގެ އެއްވަނަ މަގާމުގައި އޮތީ ބެލްޖިއަމްއެވެ. ހަތަރު މެޗު ކުޅެ ބެލްޖިއަމް ވަނީ 10 ޕޮއިންޓު ހަމަކޮށްފައެވެ.