ހަތަރު އަހަރުން އެއް އަހަރު ބާއްވާ ވޯލްޑްކަޕް ދެ އަހަރަށް ބަދަލު ކުރުމަށް ހުށައެޅި ޕްރޮޕޯސަލް ގަބޫލުކޮށް އެ ހިޔާލާ އެކު ފީފާއިން ކުރިއަށް ދާނަމަ ޔޫއެފާއަށް އަރައި ނުގަނެވޭނެ ފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށް އެ އިދާރާގެ ރައީސް އެލެކްސެންޑަރާ ކެފެރިން ބުނެފި އެވެ.
މިދިޔަ މޭ މަހު އޮތް ފީފާ ކޮންގްރެސްގައި، ފީފާ ވޯލްޑް ކަޕުގެ ފޯމެޓަށް ބަދަލު ގެނެސް ދެ އަހަރުންް ދެ އަހަރުން އެ މުބާރާތް ބާއްވަން ޕްރޮޕޯސް ކުރީ ސައުދީ އަރަބިއްޔާއިންނެވެ. އެ ހިޔާލަށް އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވެސް ތާއީދުކޮށްފައިވާ އިރު، ފީފާއިން ވަނީ އެ ހިޔާލު ބަލައިގަނެ އިތުރަށް ދިރާސާ ކުރާނެ ކަމަށް ބުނެފައެވެ.
ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބުނޯ އެގޮތަށް ފޯމެޓް ބަދަލުކޮށްފި ނަމަ ފީފާއަށް ވަންނަ ފައިސާ ދެގުނަ އިތުރުވާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ އެ ފައިސާ ފުޓުބޯޅައަށް ހަރަދުކޮށް ފުޓުބޯޅަ ކުރިއަރުވަން ބޮޑެތި ހަރަދުތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ހިޔާލަށް ފީފާގެ ގިނަ އިސްވެރިންތަކެއް ވެސް ތާއީދުކޮށްފައިވާ އިރު، ކުރީގެ އާސެނަލްގެ ކޯޗު އަދި މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓުބޯޅަ ޑިވެލޮޕްމަންޓް އާސެން ވެންގާ ބުނީ މިކަމުގެ ފަހަތުގައި ފައިސާގެ ދަހިވެތިކަން ނެތް ކަމަށެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކަކަށް ހަމަހަމަ ފުރުސަތެއް ލިބިގެން ދިއުމާ އެކު ކޮންމެ އަހަރެއްގައި ވެސް ބޮޑު އެއް މުބާރާތް އޭރުން ކުޅެވޭނެ ކަމަށް ވެންގާ ބުންޏެވެ.
އެކަމަކު ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ވަނީ މި ހިޔާލާ ދެކޮޅުކަން ހާމަކޮށްފަ އެވެ. އެ އިދާރައިގެ ރައީސް ކެފެރިން ބުނީ ފީފާއިން މި ހިޔާލައިގެން ކުރިއަށް ދިއުމުގެ ކުރިން ފުޓުބޯޅައިގެ ބޮޑެތި އިދާރާތަކާއި، ގައުމުތަކުގެ މަޝްވަރާ ހޯދުން މުހިއްމު ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެންނާއި، ޔޫރަޕުގެ ސަޕޯޓަރުން ދެކޮޅު. ފުޓުބޯޅައަށް މިފަދަ އިންގިލާބީ ބަދަލެއް ގެންނަން މަސައްކަތް ކުރުމުގެ ކުރިން ރަނގަޅަށް ދިރާސާކޮށް ސަޕޯޓަރުންގެ އަޑު އެހުން މުހިއްމު،" ކެފެރިން ބުންޏެވެ.
ވޯލްޑްކަޕް ދެ އަހަރުން ބާއްވާ ގޮތަށް ނިންމައިފި ނަމަ ޔޫރަޕް ބައްރުގެ ބޮޑު މުބާރާތް، ޔޫރޯ މުބާރާތް ވެސް ދެ އަހަރުން ބާއްވާ ގޮތަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.