އެޓްލެޓިކޯ މެޑްރިޑު ދޫކޮށް ބާސާއަށް ބަދަލުވިތާ ދެ އަހަރު ފަހުން އެންޓޮއިން ގްރީޒްމަން ލޯން އެއްބަސްވުމެއްގެ ދަށުން އެނބުރި އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.
ގްރީޒްމާން ބަދަލުވެފައިވަނީ ސީޒަނުގެ ނިޔަލަށެވެ. އަދި ސީޒަން ނިމުމުން އެޓްލެޓިކޯއިން ބޭނުންވާ ނަމަ 40 މިލިއަން ޔޫރޯގެ އަގަކަށް އޭނާއަށް ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެއެވެ.
ގްރީޒްމަން ކުއްލި ގޮތަކަށް ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު ބާސާ ދޫކޮށްލުމާ އެކު އެކްލަބުން ވަނީ ސެވިޔާގެ ފޯވާޑް ލޫކް ޑި ޔޯންގު ގަނެފައެވެ.
ގްރީޒްމަން ބާސާ ދޫކޮށްލުމާއެކު އެކްލަބަށް ވަނީ އަހަރަކު 21.6 މިލިއަން ޔޫރޯ ސަލާމަތްވެފައެވެ.
މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ބާސާއަށް ވަނީ ކުޅުންތެރިން ވިއްކާލަން މަޖުބޫރުވެފައެވެ. ސީޒަން ފެށުމުގެ ދުވަސްކޮޅެއް ކުރިން ބާސާއިން ލިއޮނެލް މެސީ ދޫކޮށްލަން ޖެހުނީވެސް ފައިސާގެ މައްސަލަތައް ދިމާވެ މެސީގެ މުސާރަ ދެވޭގޮތް ނުވެގެންނެވެ.
ގްރީޒްމަން އެޓްލެޓިކޯއަށް ޓްރާންސްފާ ބާޒާރުގެ ކުރީކޮޅު ބަދަލުވި ނަމަ މެސީގެ މުސާރަ ދިނުމުގެ މަގު ބާސާއަށް ފަހިވާނެއެވެ.
ޓްރާންސްފާ ބާޒާރުގައި ބާސާއިން ވަނީ 12 ކުޅުންތެރިން ވިއްކާލާފައެވެ. ކުޅުންތެރިން ވިއްކާލައިގެން ޓްރާންސްފާ ފީގެ ގޮތުގައި ބާސާއަށް ވަނީ 53 މިލިއަން ޔޫރޯ ލިބިފައެވެ.
ބާސާގެ ދަރަނި 1.3 ބިލިއަން ޔޫރޯއަށް އަރާފައިވާއިރު އެކްލަބު ދަރަނިން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެކަމަށް ބެލެވެއެވެ.