ސަރުކާރުގެ ބިލުތައް އަންނަނީ އެޖެންޑާ 19 އާ އެއްގޮތަކަށް ނޫން: ވައްޑޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ސަރުކާރުން ލާމަރުކަޒު ކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ އެމްޑީޕީގެ އެޖެންޑާ 19 ސިޔާސަތާ އެއްގޮތަަށް ނޫން ކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ވައްޑޭ ވިދާޅުވީ، އެމްޑީޕީން ތަސައްވަރުކުރާ ވަރާ ގާތަށްވެސް އެއްވެސް ސަރުކާރަކަށް ރާއްޖެ ލާމަރުކަޒު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީ އިން ވެރިކަމާއި، މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ ރާއްޖެ ލާމަރުކަޒު ކުރުމަށް ކަަމަށް ވައްޑެ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ ބިމާބެހޭ ގާނޫނުގައިވެސް މިނިސްޓްރީއަށް މާ ގިނަ ބާރުތައް ދީފައިވާ ކަމަށާއި، ވަކި ރަށެއްގެ ފަޅުތެރޭގައި އޮތް ރަށެއް ކައުންސިލަށް އެންގުމަކާ ނުލައި ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ވަކިކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ އެމްޑީޕީ ސަރުކާރަކުން، އަދި ރައްޔިތުންގެ މަޖިލީހުންވެސް ރާއްޖެ ލާމަރުކަޒު ކުރުމުގެ ކަންކަން އިހުލާސްތެރިކަމާއެކު ކުރަންޖެހޭ ކަަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ސިޔާސަތު، ޖަޒީރާ ރާއްޖެ ދޭހަކޮށްދިން މުޅި ތަސައްވުރަކީ މުޅި ވިސްނުމަކީ ފުރިހަމަ ލާމަރުކަޒު ނިޒާމެއް އުފެއްދުން. އަޅުގަނޑުމެންނަށް މި ބިލުންވެސް މި ފެންނަނީ ހަމަ އަނެއްކާވެސް މާ ބޮޑަށް މިނިސްޓްރީއަށް ބާރުތައް ގެނެވޭތަން،" ވައްޑޭ ވިދާޅުވިއެވެ.

އަދި ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލުތަކަކީ އެމްޑީޕީގެ އެޖެންޑާއާ ހިލާފު ބިލުތަކެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

"150 ވަނަ މާއްދާގެ ދަށުން މި ފުށުއަރާ ބިލުތައް ފާހަގަކޮށް އެޓާނީ ޖެނެރަލް އޮފީހުން މި މަޖިލީހަށް ފޮނުވާ އިރުގަ، އަޅުގަނޑުމެން ތަސައްވުރު ކުރި އަދި އަޅުގަނޑުމެންގެ އެޖެންޑާ 19ގެ އަޅުގަނޑުމެންގެ ޖަޒީރާ ރާއްޖޭގެ، އިނގޭތޯ މި ސިޔާސަތާވެސް އެއްގޮތްވާ ގޮތަކަށް އިމުންވެގެނެއް ނޫން މި ބިލުތައް މި އަންނަނީ، އަޅުގަނޑު ހަމަ ހިތާމަޔާ ކަންބޮޑުވުމާއެކު ފާހަގަކޮށްލަން،" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ އިތުރަށް ވިދާޅުވީ ލާމަރުކަޒު ކުރުމުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ރާއްޖޭގެ ކައުންސިލްތައް ކަަމަށާއި، އެހެންކަމުން ރަށްރަށުގެ ބިންތަކާ ބެހޭ ކަންކަން ނިންމަންވާނީ އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ކަމަށެވެ.

އެމްޑީޕީގެ އެންމެ އިސް ކަމަކަށް ވާންވަނީ ކެމްޕޭނުގައި ވައުދުވީ ގޮތަށް ލާމަރުކަޒު ކުރުން ކަމަށާއި، އެކަމަށް ސަރުކާރަށް ގޮވާލާ ކަމަށް ވައްޑޭ އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް