ލީކުވި އޯޑިއޯގެ މައްސަލަ މަޖިލީހުން ބަލައި ނުގަތުމުން ކޮމިޓީތަކަށް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އާންމުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން، ތިން ކޮމިޓީއަކަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން، މަޖިލީހުގެ 241 ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަދި ޖުޑިޝަރީ ކޮމިޓީއަށްވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދީފައި ވަނީ، މަޖިލީހަށް ހާޒިރުވި މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނެވެ. އަދި ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދިނެވެ.

މި މައްސަލަ ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެ މައްސަލައަކީ ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ވާތީ، އެ މައްސަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ބަލައިދިނުމަށް ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އިއްޔެ އާންމުވެފައިވާތީ އެކަމާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ އިއްޔެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން އިއްޔެ ރައީސް އޮފީހަށް ވެސް ވަޑައިގެންފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް، އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލަ ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް