އޯޑިއޯތަކުގެ މައްސަލަ ބަލަން އަންގައިފިން، ނުފޫޒެއް ނުފޯރުވަން: ސަރުކާރު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިދިކޮޅާ ބައްދަލުކޮށް ވާހަކަދައްކަވަނީ--- ފޮޓޯ/ރައީސް އޮފީސް

ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވިކަމަށް ބުނެ ލީކުވީ އޯޑިއޯތަކުގެ މައްސަލަ ބަލަން ފުލުހުންނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އަށް މިހާރު އަންގާފައިވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނީލޯންޑަރިންގެ ކުށުގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފަނޑިޔާރުންގެ ބެންޗަށް ނުފޫޒު ފޯރުވައިގެން ކަމަށް އެ ބެންޗުގައި ހިމެނުނު ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ބެލި ބެންޗުގައި ހިމެނުނު އިތުރު ދެ ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އޯޑިއޯތަކެއްވެސް ވަނީ ލީކުވެފައެވެ.

އެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "ސަން" އަށް ވިދާޅުވީ، ފަނޑިޔާރުންތަކަކަށް ނިސްބަތްކޮށް އެފަދަ އޯޑިއޯތަކެއް ލީކުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެ މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށާއި، އެއްވެސް މީހެއްގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"ރައީސް އޮފީހުން ކަމާބެހޭ ފަރާތްތަކަށް، މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ވާނީ ދަންނަވާފަ އެ މައްސަލަތައް ބަލައިދޭން. ދެން ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ވަކި ބޭފުޅެއްގެ ޝަރީއަތަށް ނުފޫޒުފޯރުވާ އެ ޒާތުގެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ، ނުވެސް ކުރާނެ،" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ ސަރުކާރުން ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށާއި، ނިޒާމުތައް އޮތް ގޮތުން އެއީ އެކަން ކުރެވެނޭ ގޮތް ކަމަކަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިހާރު މީޑިއާގައި ފެތުރެމުންދާ އޯޑިއޯތަކަކީ، ރައީސް ޔާމީނުގެ މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ގާޒީއެއްގެ އޯޑިއޯކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން، އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ ތުހުމަތުކޮށްފައެވެ. އަދި އަދި އެފަދަ އޯޑިއޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ އެފަރާތުން ވަނީ ސުވާލު އުފައްދާފައެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިއޯތަކާއި އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކަކަށް ވާތީކަމަށެވެ.

އެ އޯޑިއޯތަކުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ބަލަން ފަށާފައި ވާއިރު، އެ މައްސަލަ ފުލުހުން ބަލަން ފެށިކަން އަދި އަންގާފައެއް ނުވެއެވެ.

comment ކޮމެންޓް