އުފާވެރި ޚަބަރެއް، ފަސް ވައްތަރެއްގެ އާ ފޯނު ނެރެނީ

ގޫގަލް ޕިކްޒެލް ސިކްސް---- ފޮޓޯ/ސީނެޓް

މި ދުވަސްވަރަކީ ސްމާރޓް ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަަށް ވަރަށް ޚާއްްސަ ދުވަސްވަރެކެވެ. ސަބަބަކީ އެކި ބްރޭންޑުތަކުގެ ފޯނުތައް ކޮންމެ އަހަރަކު ވެސް އިފްތިތާހު ކުރަނީ މި ދުވަސްވަރު ކަމަށް ވާތީއެވެ.

އެގޮތުން ވަރަށް އަވަސް މުސްތަގުބަލެއްގައި ފަސް ވައްތަރެއްގެ ސްމާޓް ފޯނު ނެރެން ވަނީ ނިންމައިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިއަހަރުގެ "ފޯލް" މޫސުމަށްފަހު ނެރެން ހަމަޖެހިފައިވާ ފޯނުތަކުގެ ތެރޭގައި އެޕަލްގެ އައިފޯނު 13، ގޫގަލްގެ ޕިކްޒެލް ސިކްސް، ސަމްސަމްގެ ފޯޑެބަލް ގެލެކްސީ ޒީ ފްލިޕް ތްރީ އަދި ޒީ ފޯލްޑް ތްރީ ހިމެނެއެވެ.

މީގެ އިތުރުން ގެލެކްސި އެސް 22 އަދި ގެލެކްސީ އެސް 21 އެފްއީ ވެސް ނެރޭނެކަމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

މި ފޯނުތަކުގެ ތެރެއިން އައިފޯނު 13 މިއަންނަ މަހުގައި ނެރެން ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ފޯނުގައި ވެސް އައިފޯނު 12އެކޭ އެއްގޮތަށް ގިނަ މޮޑެލްތަކެއް ހިމެނެއެވެ.

އެޕަލްއިން ނެރޭ އައު ފޯނުތަކުގެ ތެރޭގައި އައިފޯނު 13، އައިފޯނު 13 ޕްރޯ، އައިފޯން 13 މިނީ އަދި އައިފޯން 13 ޕްރޯ މެކްސް ހިމެނެއެވެ.

އައިފޯނު 13 އަށް މާ ގިނަ ބަދަލުތަކެއް އައިސްފައިނުވާ ނަމަވެސް ބައެއް ފީޗާސް ތަކަށް ބަދަލު އަންނާނެ ކަމަށްވެއެވެ. އަދި އައިފޯނު 13ގެ ކެމެރާއަށް އަޕްޑޭޓުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

މި ފަހަރު ފޯނުތަކުގައި މުޅިން އާ ކުލައެއް ކަމަށްވާ "ސަންސެޓު ގޯލްޑް" ކުލައިގެ ފޯނުތައް ހިމެނުމަކީ މި ފޯނުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ސަބަބެވެ.

ސަމްސަންގެ ގެލެކްސީ އެސް 22 ނެރެން ހަމަޖެހިފައިވާކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗްގައެވެ.

އެސް 22ގައި ވެސް އައިފޯނެކޭ ފަދައިން ކެމެރާއަށް އަޕްޑޭޓުތަކެއް ގެނެވޭކަން ފާހަގަކުރެވެއެވެ.

ސަމްސަންގެ ސޯޝަލް އެކައުންޓުތަކުން ބުނާގޮތުގައި އެސް 22 ފޯނުގައި 200 މެގަޕިކްސެލް އިމޭޖް ސެންސަރު ހިމެނޭނެއެވެ. ނަމަވެސް ކެމެރާއަށް ގެނެވޭ މި ބަދަލުގެ އިތުރުން އެހެން ބަދަލެއް ފޯނަށް ގެނެވޭ ކަމަށް ނުބެލެވެއެވެ.

ސަމްސަންގް އިން ކުރިން ނެރެފައިވާ ގެލެކްސީ އެސް 21ގެ ފޯނަށް އާ މޮޑެލެއް ވެސް ނެރެން ވަނީ ހަމަޖެހިފައެވެ.

އެ މޮޑެލަކީ ގެލެކްސީ އެސް 21 އެފްއީ ނުވަތަ ފޭން އެޑިޝަނެވެ.

މި ފޯނަކީ އެސް 20 ގެ ފީޗާސްތައް ހިމަނައިގެން އަގު ހެޔޮކޮށް ނެރޭ ފޯނެކެވެ.

މި ފޯނުގައި 6.4 އިންޗްގެ ޑިސްޕްލޭ އަދި 20 މެގަޕިކްސެލް މެއިން ކެމެރާ ރިސޮލިއުޝަން ވާކަމަށް ވާހަކަދެކެވެއެވެ.

ސަމްސަންގްގެ އެސް 21 ވިއްކީ 799 ޑޮލަރަށެވެ. އެހެންކަމުން އެސް 21 އެފްއީ 100 ޑޮލަރު އަގުހެޔޮ ވާނެކަމަށް ލަފާކުރެވެއެވެ.

އަވަސް މުސްތަގުބަލެއްގައި ދެން ފެންނާނެ ކަމަށް ބެލެވޭ ގޫގަލް ޕިކްޒެލް ސިކްސް ވަނީ މިމަހު ކަސްޓަމަރުންނަށް ދައްކާލާފައެވެ.

ގޫގަލް އިން ކުރިން ޕިކްޒެލް ފޯނުތަކާއެކީ ޕިކްޒެލް އެކްސްއެލް ނެރިފައިވީ ނަމަވެސް ޕިކްޒެލް ސިކްސްއާއެކު ނެރެން ނިންމާފައިވަނީ ޕިކްޒެލް ސިކްސް ޕްރޯއެވެ.

ޕިކްޒެލް ހައެއްގައިވެސް ކެމެރާއަށް ގިނަ އަޕްޑޭޓުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ކުރިއަށް ވުރެ 150 ޕަސެންޓު ރަގަނޅަށް ލައިޓު ކެޕްޗާ ކުރެވޭ އިމޭޖް ސެންސަރެއް މި ފޯނުގައި ހިމެނެއެވެ.

މި ފޯނުގެ އެންމެ ބޮޑު ބަދަލަކީ މި ފޯނުގައި ބޭނުން ކުރަނީ ގޫގަލް އަމިއްލައަށް ހަދާފައިވާ ޓެންސާ ސިސްޓަމެއް ކަމެވެ.

comment ކޮމެންޓް