ޔޮޓް ރެލީގައި ދަތުރު ކުރާނެ ރަށްތަކުން ގައިޑުން ތަމްރީނު ކުރަނީ

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން --- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން އިންތިޒާމު ކުރާ ބައިނަލްއަގުވާމީ ޔޮޓް ރެލީގެ ތެރެއިން ފަތުރުވެރިން ޒިޔާރަތް ކުރާނެ ރަށްތަކުން ގައިޑުން ތަމްރީނު ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

އެމްއައިޓީޑީސީން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ "ސަވާދީއްތަ ދަތުރަކީ" ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ ޔޮޓް ރެލީއެވެ. އަދި މިދިޔަ ހޯމަ ދުވަހު އެ ދަތުރު އިފްތިތާހުކޮށްފައިވާ އިރު އެ ރެލީގައި ދަތުރު ކުރާނީ މީހުން ދިރިއުޅޭ 11 ރަށަކަށާއި ހަތަރު ފަޅު ރަށަކަށެވެ.

އެއީ ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ ، ހއ. ތަކަންދޫ، ހއ. އުތީމު، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ށ. ފުނަދޫ، ށ. ނަލަންދޫ، ނ. ލަންދޫ އަދި ބ. ތުޅާދޫއެވެ.

އޭގެ ތެރެއިން މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ގައިޑުންގެ ގޮތުގައި މަސައްކަތް ކުރާނެ ބަޔަކު ހޮވުމަށް ކައުންސިލްތަަކަށް މިހާރު އަންގާފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި އެ މީހުން ތަމްރީނު ކުރުމަށް އަންނަ މަހު، ފަސް ދުވަހުގެ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދާ ހުރިހާ ރަށެއްގަ އާރުކާޓީން ނުވަތަ ގައިޑުން ތަމްރީނު ކުރުމަށްޓަކާ މީހުންގެ ނަން ފޮނުވަން އަޅުގަނޑުމެން ވަނީ ކައުންސިލްތަކަށް އަންގާފަ. އެމީހުންނަށް ހިންގާނަން ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ގައިޑު ކުރާނެ ގޮތާ ބެހޭ ގޮތުން،" ރާއިދު ވިދާޅުވިއެވެ.

އެގޮތަށް މީހުން ތަމްރީނު ކުރުމުން މުސްތަގުބަލުގައި އެ ރަށްރަށަށް ފަތުރުވެރިކަން ފުޅާވާ އިރު، ގައިޑް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހުން ތިބުމުން މުޅި ރަށަށް ފައިދާ ވާނެކަން ރާއިދު ފާހަގަ ކުރެއްވިއެވެ. އަދި އެމްއައިޓީޑީސީގެ އަމާޒަކީ އެ ރަށްރަށުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތު އެ ރަށްރަށުގެ މީހުންނަށް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މާލެއިން މީހަކު ނުދާނެ އުތީމުގަ ހުރި ގަނޑުވަރު ކިޔާ ދޭކަށް ނޫނީ ތަކަންދޫގެ ޒިޔާރަތް ކިޔާ ދޭކަށް. ތަކަންދޫގެ މީހުން ތިބޭނީ ތަކަންދޫގެ ޒިޔާރަތް ކިޔާ ދޭން. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" ރާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޔޮޓް ރެލީ އަކީ ލަގްޒަރީ ޓޫރިޒަމާ ގުޅިފައިވާ ހަރަކާތެއް ނޫން ކަމަށާއި އެއީ އިޖުތިމާއީ އަދި ސަގާފީ ފަތުރުވެރިކަން ދިރުވުމަށް ހިންގާ ހަރަކާތެއް ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ރާއްޖެއިން އަބަދުވެސް އިޝްތިހާރު ކުރަނީ ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ މަންޒަރުތައް ކަމަށްވީ ނަމަވެސް ފަތުރުވެރިން ޝައުގުވެރިވާނެ އެހެން ކަންތައްތައްވެސް ރާއްޖޭގައި ހުރިކަން ރާއިދު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ޒަމާންވީ އާސާރުތައް ބަލަން ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން ރާއިދު ދެއްވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގަ ތާޖު މަހަލް ބަލަން އެތައް މިލިއަން މީހުން ދާ ކަމަށް ވަންޏާ ރާއްޖޭގަ މިހިރަ އާސާރުތައް ބަލަންވެސް އޭގެ ތެރެއިން ކޮންމެވެސް ބަޔަކު އަންނަންވާނެ. މިއީ ރާއްޖެ ތަފާތު ގޮތަކަށް، ތަފާތު އޭންގަލަކުން ދައްކާލުމަށްޓަކާ ލިބިގެންދާ ފުރުސަތެއް. މިދެންނެވިހެން 'ސަން، ސޭންޑް އެންޑް ސީ'ގެ އިތުރުން އަޅުގަނޑުމެންނަށް ލިބިފަވާ އެޑްވާންޓޭޖަކީ ރާއްޖޭގަ ވަރަށް ރިޗް ހެރިޓޭޖެއްވެސް އޮތްކަން،" ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރު ފެބްރުއަރީ މަހު ބާއްވަން ނިންމާފައި ވަނީ އެއީ ރާއްޖެއަށް އެންމެ މޫސުން ރަނގަޅުވާ އަދި އެންމެ ގިނަ ޔޮޓުތައް ޒިޔާރަތް ކުރާ ދުވަސްވަރަށްވާތީއެވެ. އަދި އެ ދަތުރަށް އެ ނަން ދީފައި ވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނަށް އެކަނި ބޭނުން ކުރާ ލަގަބަކާ ގުޅުވާފައެވެ.

އެ ރެލީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޔޮޓް ދަތުރު ކުރުމަށް ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ބަޔަކު މިހާރުވެސް ނަން ހުށަހަޅާފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ޕްލެޓްފޯމްތަކުންނާއި އެމްއައިޓީޑީސީން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުން ރާއްޖޭގެ އާސާރުތައް އިތުރަށް އިޝްތިހާރު ވާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

އެމްއައިޓީޑީސީން ނިންމާފައިވަނީ އެ ޔޮޓް ރެލީ ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދިޔުމަށެވެ.

comment ކޮމެންޓް