މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން އިންތިޒާމު ކުރާ "ސަވާދީއްތަ ދަތުރު" މިއަދު އިފްތިތާހުކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާ ދިމާކޮށް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޔޮޓް ރެލީއެއް ކަމަށްވާ ސަވާދީއްތަ ދަތުރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވޮޔޭޖެސް މޯލްޑިވްސް އާއި ސީގަލް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބުއެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަފްލާގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި އިންޓަނޭޝަނަލް ޔޮޓް ރެލީއެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި އެފަދަ ރެލީއެއް ބޭއްވުމުގެ ހިޔާލު އުފެދުނީ، މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ޑިސެމްބަރު 2019އިގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
އެގޮތުން ފަތުރުވެރިން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާ އެންމެ މުހިންމު އެއް ސަބަބަކީ އެހެން މީހުންގެ ތަރިކަ އާއި ސަގާފަތާއި ދިރިއުޅުން ތަޖުރިބާ ކުރުން ކަމަށް ރައީސް ވިދާޅުވިކަން ރާއިދު ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން ރާއްޖެއަށް ހެރިޓޭޖް ޓުއަރިޒަމް ތައާރަފް ކުރަން އެމްޓީޑީސީން މަސައްކަތް ފެށި ކަމަށް ރާއިދު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އާސާރުތަކާ ތަރިކައާ ތާރީހު ހިމެނޭ ގޮތަށް ހެރިޓޭޖް ޓުއަރިޒަމް ތައާރަފްކޮށްގެން ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން ފެށީ. މި މަސައްކަތުގެ ތެރެއަށް އުފަންވެގެން އައީ ސެއިލް ޓުއަރިޒަމް ސެގްމެންޓެއް،" ރާއިދު ވިދާޅުވިއެވެ.
އެ ޔޮޓް ރެލީގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދަތުރު ކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި މީހުން ދިރިނޫޅޭ ހަތަރު ރަށެއް ހިމެނެއެވެ. އެ ރެލީއާ ބެހޭ މައުލޫމާތު ރަށްތަކުގެ ރައްޔިތުންނާ ހިއްސާކޮށްފައިވާ ކަމަށާއި އެ ދަތުރުގެ ސަބަބުން އެ ރަށްތަކަށް އިގުތިސާދީ ފައިދާ ލިބޭނެ ކަމަށް ރާއިދު ލަފާ ކުރެއްވިއެވެ.
ރާއިދު ވިދާޅުވި ގޮތުގައި އެ ދަތުރަށް ސަވާދީއްތައިގެ ނަން ދީފައި ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނަށް ދީފައިވާ ލަގަބަކަށް ބިނާކޮށެވެ. އަދި އެ ރެލީގެ ތީމަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ތަކުރުފާނުގެ ހަޔާތާއި ދިރިއުޅުއްވުމެވެ.