ބަރެސްދޫ ޕްރޮޖެކްޓުގެ ޑިޒައިން ބަދަލުކޮށް، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ލ. ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް

ލ. ބަރެސްދޫ ތަރައްގީ ކުރާނެ ގޮތުގެ ޑިޒައިން ބަދަލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއަށް ބޭނުންވާ ފައިސާ ލިބުމާއެކު އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއިދު މިއަދު "ސަން"އަށް ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 120 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އަދި މިދުވަސްވަރުގެ ގޮތުން ރާއްޖެއަށް ބޮޑު އިންވެސްޓްމެންޓެއް ލިބެމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފައިސާ ލިބުމާ އެކު އަމަލީ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށާއި މަޝްރޫއު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރާއިދު ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ކޮށްފައިވާ މަސައްކަތަކީ ޓޫރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހާ އެއްގޮތަށް ބަރެސްދޫގެ ޑިޒައިނަށް ބަދަލު ގެނައުން ކަމަށް ރާއިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ މަސައްކަތަކަށް ކުރީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް ބަރެސްދޫގެ ޕްރޮޖެކްޓު ރީޑިޒައިން ކުރުން. ބަރެސްދޫ ޕްރޮޖެކްޓު ފެށި އިރަކު ވިލާ ބަނގެލޯސް ވިއްކުމުގެ ގާނޫނީ ހުއްދައެއް ނޯންނާނެ. ނަމަވެސް މިހާރު 10 ވަނަ އިސްލާހުގެ ދަށުން އެ ހުއްދަތައް ލިބުމާ އެކީގަ އެގޮތަށް ރީޑީޒައިންކޮށްފަ މިހާރު މަސައްކަތް ފެށުމަށްޓަކާ ތައްޔާރުވެގެން ތިބީ،" ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫ މަޝްރޫއަށް އިންވެސްޓުމެންޓު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ފައިސާ ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މާދަމާ މި ޕްރޮޖެކްޓަށް ފައިނޭންސް ލިބުނަސް މާދަމާވެސް އަޅުގަނޑުމެންނަށް ފެށޭ ވަރަށް ތައްޔާރުވެފަ މިތިބީ. އަޅުގަނޑުމެން އަބަދުވެސް އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް ޕްރޮޖެކްޓު ފަށައިގަނެގެން، އަމަލީ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް،" ރާއިދު ވިދާޅުވިއެެވެ.

މީގެ އިތުރުން، ބަރެސްދޫ މަޝްރޫއު ނިމުމުން ލ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ބަރެސްދޫ އާއި މުޅި ލ. އަތޮޅަކީވެސް ވަރަށް ރީތި ރަށްތަކެއް ކަމަށްވީ ނަމަވެސް އެއީ ފަތުރުވެރިކަން އެންމެ ހީނަރު އަތޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަރެސްދޫއަކީ ސްޓާ ވޯސް ފިލްމު ކުޅުނު ރަށް. މުޅި ރާއްޖޭގެ 1192 ރަށުގެ ތެރެއިން ހޮލީވުޑުގެ ފިލްމެއް ކުޅެން ސިލެކްޓު ކުރި ރަށް. ބަރެސްދޫ އަކީ އެހެންވީމަ ތަފާތު ރަށެއް. އަޅުގަނޑުމެންގެ އުއްމީދަކީވެސް އަދި ބޭނުމަކީވެސް ލ. އަތޮޅުގެ ރައްޔިތުންނަށް މިކަމުން ނަފާތަކެއް ލިބިގެން ދިޔުން،" ރާއިދު ވިދާޅުވިއެވެ.

ބަރެސްދޫ ހުޅުވުމުން ލ. އަތޮޅުގެ އިތުރުން އަވަށްޓެރި ތ. އަތޮޅަށްވެސް މަންފާ ވާނެ ކަމަށް ރާއިދު ލަފާ ކުރެއްވިއެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތަކާއި އެ އަތޮޅުގައި ކުރާނެ މަސައްކަތްތައްވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއައިޓީޑީސީ އުފެއްދީ 2016 ވަނަ އަހަރުއެވެ.

އެމްއައިޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އިއުލާނު ކުރި ޕްރޮޖެކްޓަކީ ބަރެސްދޫ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓާ ބެހޭ ގޮތުން މީގެ ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ އެ ރަށުގައި ތިން ހާސް އެނދު ބަހައްޓާނެ ކަމަށެވެ. އަދި އެރަށާ އިންވެގެން އޮންނަ މަހަކަންފުށި ބަރެސްދޫ އާ ގުޅާލާނެ ކަމަށެވެ.

comment ކޮމެންޓް