ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިނިސްޓަރު އިމްރާންއާއި ސުވާލުކުރުމަށް އެދި ހުށަހަޅާފައިވަނީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.
މެމްބަރު ރާއީ ވަނީ މިއަދު ޓްވިޓާ މެދުވެރިކޮށް ނޭކުރެންދޫ ޖަލާއި ގުޅޭ ގޮތުން މިނިސްޓަރު އިމްރާންއާއި ސުވާލުކުރުމަށް އެދިފައިވާކަމަށް ބުނެފައެވެ.
ޓްވިޓާގައި އެކަން އިއުލާންކުރައްވަމުން މެމްބަރު ރާއީ ވިދާޅުވީ ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލަށް އިންތިޒާރުކުރަމުން އަންނަތާ 13 ވަރަކަށް އަހަރުވެފައިވާކަމަށެވެ.
މެމްބަރު ރާއީ މަޖިލީހަށް ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް ކުރެވިފައި ހުރި މަސައްކަތަކީ ކޮބައިތޯ މިނިސްޓަރު އިމްރާންގެ އަރިހުން ސާފުކުރުމަށް އެދޭކަމަށް ވިދާޅުވެފައެވެ.
އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ކުރަން ނިންމާފައިވާ ހަރަދުގެ ތަފްސީލު އަދި މިހާތަނަށް ކޮށްފައިވާ ހަރަދުގެ ތަފްސީލުވެސް ހޯދުމަށް މެމްބަރު ރާއީ ވަނީ އެދިފައެވެ.
ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީއިން އެޖަލުގެ ކޮންސެޕްޓްއެއް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް އެދި މީގެ ތިން ދުވަސް ކުރިން ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުންވެސް އެޖަލާއި ގުޅޭ ގޮތުން އެ މިނިސްޓްރީއިން ވަނީ މީގެ ކުރިން އިއުލާންތަކެއްކޮށް އެކި ސަބަބުތަކާހުރެ އެ އިއުލާންތައް ބާތިލުކޮށް އާ އިއުލާންތަކެއްވެސް ކޮށްފައެވެ.
އެގޮތުން މީގެ ނުވަ ދުވަސް ކުރިންވެސް ޖަލާއި ގުޅޭ ކޮންސެޕްޓް ޕްލޭންއެއް ހަދަން ކުރި އިއުލާނެއް ބާތިލުކޮށް އަލުން ވަނީ އެކަމަށް އިއުލާންކޮށްފައެވެ. އަދި މިމަހުގެ ކުރީކޮޅު އެ ޖަލާއި އިންވެގެން އޮންނަ ދިގުމަގާއި، ހުރަސްމަގު ކަޑަޖަހާ އިންޖަހާ ފާހަގަކޮށްދިނުމާއި، ގަސްނަގާ މަގުސާފުކޮށްދޭނެ ފަރާތެއް ހޯދަންވެސް އެ މިނިސްޓްރީއިން ވަނީ އިއުލާންކޮށްފައެވެ.