އެމްއާރްއެމްގެ ރައީސްކަމަށް ކުރިމަތިލާން އަންނަ ހަފްތާގައި ހުޅުވާލަނީ

ނޮވެމްބަރ 23، 2019: މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާ -- ސަން ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލެވޭނެކަމަށް އެޕާޓީއިން ބުނެފިއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އެމްއާރުއެމްގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ހަފްތާތެރޭ ހުޅުވާލާނޭކަމަށާއި އަދި އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބާއްވާ ކޮންގްރެސް ޖަލްސާގައި އެ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެކަމަށެވެ.

އެމްއާރުއެމްގެ ފުރަތަމަ ކޮންގްރެސް ޖަލްސާ އަންނަ އޮކްޓޯބަރު ދެވަނަ ދުވަހު ބާއްވަން ނިންމީ އެ ޕާޓީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. ޕާޓީގެ ކޮންގްރެސް ޖަލްސާއަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ބާއްވަންޖެހޭ ޖަލްސާއެކެވެ.

އަލީމް ވިދާޅުވީ ކޮންގްރެސް ޖަލްސާ ނުބޭއްވި ލަސްވީ ކޮވިޑާ ގުޅިގެން ކަމަށާއި، އެހެންކަމުން އެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މުއްދަތު އިތުރުކޮށްދީފައިވާ ކަަމަށެވެ.

އެހެންކަމުން ނިއު ނޯމަލްގެ ގައިޑްލައިންތަކާ އެއްގޮތަށް ޕާޓީގެ ގައުމީ ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ދެވަަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަަމަށް އަލީމް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ތެރޭގައި ތިބި އެމްއާރްއެމްގެ މެމްބަރުންނަށް އެ ޖަލްސާގައި ބައިވެރިވެ އެ މެމްބަރުންގެ ދާއިރާތައް އަދި އަތޮޅު ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް