ޔޫރޮޕުގެ އެންމެ ފަދަ ފަސް ފުޓުބޯޅަ ލީގުގެ ލިސްޓުގައި ކުރިން ނަން އޮތް ފްރެންޗް ލީގުގެ ނަން އެ ލިސްޓުން އުނިކޮށް އެ ލީގުގެ ބަދަލުގައި ޕޯޗުގީސް ލީގުގެ ނަން ޔޫއެފާއިން އެ ލިސްޓަށް އަޕްޑޭޓް ކޮށްފިއެވެ.
އާ ސީޒަނާ ދިމާކޮށް ޔޫއެފާއިން ނެރުނު ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ އިންގްލިޝް ޕްރިމިއާ ލީގެވެ. ދެވަނައިގައި ސްޕެނިޝް ލީގު އޮތް އިރު ތިންވަނައިގައި އޮތީ އިޓާލިއަން ލީގެވެ. އަދި ހަތަރުވަނަ ޖަރުމަނުގެ ބުންޑެސް ލީގާއަށް ދީފައިވާ އިރު ޕޯޗުގަލްގެ ޕްރިމެރާ ލީގު ފަސްވަނައަށް ވަނީ ޖެހިލައިފައެވެ. ފްރެންޗް ލީގު އޮތީ މިވަގުތު ހަވަނައިގައެވެ.
ޔޫއެފާއިން ކޮންމެ ސީޒަނަކާ ދިމާކޮށް ލީގުތަކުގެ ސްޓޭންޑިން ތަރުތީބުކުރާ އިރު ބަލަނީ ޔޫރޮޕިއަން މުބާރާތްތަކުގައި ވާދަކުރާ ކުލަބުތަކުގެ ފެންވަރަށާއި ވާދަކުރާ ޓީމުތަކުގެ އަދަދަށެވެ. އެގޮތުން މި ސީޒަނުގެ މިހާތަނަށް ފްރެންޗް ލީގަށް ލިބިފައިވަނީ 1.833 ޕޮއިންޓެވެ. މީގެ ކުރީ ސީޒަންތަކަށް ބަލާއިރު، މިދިޔަ ސީޒަނުގައި 7.916 ޕޮއިންޓް އަދި އޭގެ ކުރީ ސީޒަނުގައި 11.666 ޕޮއިންޓް ފްރެންޗް ލީގަށް ލިބިފައިވެއެވެ.
މި ސީޒަނާ ދިމާކޮށް ބޮޑުތަނުން ފްރެންޗް ލީގުގެ ޕޮއިންޓްތައް ވެއްޓުނު އިރު، ޕޯޗުގީސް ލީގުން ވަނީ މިހާތަނަށް 3.750 މި ސީޒަނުގައި ހޯދައި ކުރީ ސީޒަނުގައި ލިބުނު އިތުރު 9.600 ޕޮއިންޓާ އެކު ޖުމުލަ ޕޮއިންޓްގެ އަދަދު 44.216 އަށް ޖައްސާލައިފައެވެ. ފްރެންޗް ލީގުގެ ޖުމުލަ ޕޮއިންޓްގެ އަދަދަކީ 43.498 އެވެ.
މިވަގުތު އެންމެ އުހުގައި އޮތް އިނގިރޭސި ޕްރިމިއާ ލީގު ބޮޑު ފަރަގަކާ އެކު ޔޫރަޕުގެ އެއްވަނައިގައި އޮތީ 87.926 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ސްޕެނިޝް ލީގަށް ލިބެނީ 80.570 ޕޮއިންޓެވެ.
ފްރާންސްގެ ޕީއެސްޖީން މިފަހުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިލޭ ޓްރާންސްފާއެއްގައި ވަނީ ގެންގޮސްފައެވެ. އެގޮތުން ސްޕެއިނުގައި ކުޅެމުން އައި ލިއޮނެލް މެސީއާއި ސާޖިއޯ ރާމޯސްގެ ސޮއި ހޯދި އިރު، އެކުޅުންތެރިން މިފަހަރުގެ ލީގުގައި ކުޅެފި ނަމަ ވެގެން ދާނީ ލީގު ލެވެލްގައި އެ ކުޅުންތެރިން ޔޫރަޕުގެ ގަދަ ފަސް ލީގުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރަށެވެ.