ޕާކިސްތާނު ސަފީރު ދިވެހި ބަހުގެ އެކެޑަމީގެ ރައީސާ ބައްދަލުކުރައްވައިފި

އޯގަސްޓް 24، 2021: ޕާކިސްތާންގެ ހައިކޮމިޝަނަރު އަތަރު މުހްތާރު ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ.އަޝްރަފް އަބްދުއްރަހީމް އާއި ބައްދަލުކުރެއްވުން -- ފޮޓޯ/ ޕާކިސްތާން އެމްބަސީ

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރު މުހްތާރު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މާލޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަަރު އަތަރު ވަނީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސްކަމުގެ މަގާމާ ޑރ. އަޝްރަފް ހަވާލުވެވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ސަފީރު ޑރ. އަޝްރަފާ މަޝްވަރާ ކުރެއްވިއެވެ.

އަދި އުރުދޫ ބަހާއި ދިވެހި ބަހަކީ އެއްގޮތް ގިނަ ކަންތަައްތަކެއްް އެކުލެވޭ ދެ ބަސް ކަމަށާއި އެހެންކަމުން ބަހުގެ އިލްމު ކުރިއެރުވުމުގެ ގޮތުން ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް ސަފީރު އަތަރު މުހްތާރު ވަނީ ވިދާޅުވެފައެވެ.

އޯގަސްޓް 24، 2021: ޕާކިސްތާންގެ ހައިކޮމިޝަނަރު އަތަރު މުހްތާރު ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޑރ.އަޝްރަފް އަބްދުއްރަހީމް އާއި ބައްދަލުކުރެއްވުން -- ފޮޓޯ/ ޕާކިސްތާން އެމްބަސީ

ޑރ. އަޝްރަފް ދިވެހި ބަހުގެ އެކެޑަމީގެ ތިންވަނަ ދައުރުގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ މި މަހުގެ އަށްވަނަ ދުވެހެވެ.

ޑރ. އަޝްރަފަކީ މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (ބިޒްނަސް އެޑްމިނިސްޓްރޭޝަން) ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. ހަމަ އެއާއެކު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން މާސްޓާސް އޮފް މެނޭޖްމަންޓާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން، ދިވެހި ބަހުގެ ޑިގުރީ ފުރިހަމަ ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. އަޝްރަފަކީ ދިވެހި ބަހުގެ ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައި ވެއެވެ.

comment ކޮމެންޓް