ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފިއެވެ.
ޝިދާތާ ވަނީ އަދާލު ޕާޓީއިން ވަކިވެވަޑައިގެންނެވިކަން އިއްޔެ ހާމަކުރައްވާފައެވެ.
ޝިދާތާ މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ އިން ވަކިވެ އެމްއެންޕީއާ ގުޅެން ނިންމީ މިވަގުތުގެ ހާލަތައް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިނގަންޖެހޭކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އަދާލަތު ޕާޓީއާއެކު ގިނަ ގުނަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށާއި، އަދި ސިޔާސީ ޝަހުސިއްޔަތު ބިނާ ކުރުމުގައި އަދާލަތު ޕާޓީ އަދާކޮށްދެއްވި ދައުރު ދުވަހަކުވެސް ދުރަށް ނުދާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
އަދި ލިބުނު ހުރިހާ ފުރުސަތުތަކަށާއި، އަދާލަތު ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕުން ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ޝިދާތާ ވަނީ ޝުކުރު ދަންނަވާފައެވެ.
އެހެނަސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާއި ހަމަޔަށް ދިޔުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގަބޫލުކުރެވޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"އެހެންކަމުން މިވަގުތުގެ ހާލަތަށް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިގަންޖެހޭކަމަށް ބެލެވެއެވެ. އެ ގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އަޅުގަޑު ނިންމައިފީމެވެ،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ، ސިޔާސީ ހަޔާތުގައި އަލަށް އެފަށާ ދަތުރުން ރައްޔިތުންގެ ހައްގުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
އަދި ރައްޔިތުން އެދޭފަދަ މިސްރާބަށް ގައުމުގެ ކަންކަން ގެންދިއުމަށް ކުރެވޭ މަސައްކަތައް ބޮޅެއް އިތުރުވެގެން ދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
ޕާޓީ ބަދަލުކުރަން ނިންމި ނިންމުމާއި ހަމަޔަށް އައުމުގައި އެއްވެސް ފަރާތަކައް އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"ސިޔާސީ ގޮތުން ކަޑައްތުކުރި ގޮންޖެހުންތަކާއި ހިތްނުތަނަވަސްކަން އެއީ އަޅުގަޑަށް ލިބުނު މުހިންމު ތަޖުރިބާއެކެވެ. އަދި ސިޔާސީ ގޮތުން އާ ހިތްވަރެއް ލިބުން ނޫންކަމެއް އެއަކު ނެތެވެ،" ޝިދާތާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޝިދާތާ ވަނީ، މިހާތަނަށް އޭނާއަށް ހިތްވަރު ދެއްވައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ތަކުރާރުކޮށްފައެވެ.