ޝާދިޔާއާއި ޝަޒުރާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި

ފުލުހުން އާންމުކުރި، ޝާދިޔާ އާއި ޝަޒުރާގެ ފޮޓޯތަކެއް: ފުލުހުން ވަނީ އެ ދެ މީހުން ސަފީރަކަށް އުނދަގޫކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ތުހުމަތު ކޮށްފައި -- ފޮޓޯ/ ފުލުހުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް އިއްޔެ ހައްޔަރުކުރި ޑރ. މުޙައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމްގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

ބަންދު މުއްދަތު ޖަހަފައިފައިވަނީ މައްސަލައިގެ ބާވަތުން، ކްރިމިނަލް ކޯޓުގައި ސިއްރުން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

އެ މީހުން އިއްޔެ އަޑުގަދަ ކުރަމުން ދިޔަ ސަރަހައްދުން ސުލްހަވެރިކަމާއެކު ދިޔުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެހެންވެ، އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މީހުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ޝާދިޔާ އާއި ޝަޒުރާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް