އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ ޕާޓީން ވަކިވެޑައިގެންފިއެވެ.
ޝިދާތާ ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގަތްކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމާ ބެހޭ ތަފްސީލު އާއްމު ކުރައްވާނީ މާދަމާއެވެ.
ޝިދާތާ އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް މި އަހަރުގެ ކުރީކޮޅު ފެތުރުނެވެ. އެއީ އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ޖެނުއަރީ 23ގައި ބާއްވަން އޮތް އިންތިހާބާ ދިމާކޮށެވެ.
ނަމަވެސް އޭރު އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮތީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށެވެ. އަދި އެ ގަވާއިދަށް ބަދަލު ގެނައުމަށް އޭރު ގިނަ ބަޔަކު ގޮވާލިއެވެ.
އޭގެ ފަހުން އެ އިންތިހާބު ބޭއްވުމުގެ ކުރިން، އަދާލަތުގެ ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭ ގޮތަށް ޕާޓީގެ ގަވާއިދަށް ބަދަލު ގެނައެވެ. ނަމަވެސް ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭނެ ކަމަށް ކަނޑަނާޅައެވެ. އަދި ޝިދާތާ އެ މަގާމަށް ވާދަ ނުކުރައްވައެވެ.
ޝިދާތާ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރެއްވިއެވެ.
އޭނާ 2015އިގައި އެ މަގާމުން އިސްތިއުފާ ދެއްވީ އޭރު ރައީސް ޔާމީންގެ ސަރުކާރާ އަދާލާތު ޕާޓީއާ ދެބަސްވުން އުފެދި، ސަރުކާރު ދާ މިސްރާބާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވެއެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޝިދާތާ ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހަޔެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީން ސިއްރު ކުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކުއެވެ.
އޭގެ އިތުރުން، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ، ޝިދާތާގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރި ފަހުންނެވެ.
އެ މައްސަލަތަކާ ގުޅިގެން ޝިދާތާ ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލަތަކުގައި އިހުމާލެއް އޮތުމުން ނޫން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އިސްތިއުފާ ދެއްވީ އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ އެ ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތެއް ބެއްލެވުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.