ލުތުފަރުގެ މަަރު: ވަކީލެއް ނެތުމުން އަނެއްކާވެސް ޝަރީއަތް ކުރިއަކަށް ނުދިޔަ

ލުތުފަރުގެ މައިބަދައާއި އަރިކަށިތައް: އޭނާގެ ކަށިތައް ފެނިފައި ވަނީ އެކި ތަންތަނުން -- ފޮޓޯ: ފުލުހުން

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައިވެސް ދައުވާލިބޭ ތިން މީހުންގެ ތެރެއިން އަލަމިންގެ ގާނޫނީ ވަކީލެއް އައްޔަން ކޮށްފައިނުވުމުން ޝަރީއަތް ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.

ލުތުފަރު މަރާލާފައިވަނީ އޭޕްރީލް 21، 2019 ގައި ކުރިމަގު ބޯޓުގައި ނޭވާހާސްކޮށްލައިގެންނެވެ. ލުތުފަރު މަރާލުމަށްފަހު ކަނޑުފައްތާފައި ވަނިކޮށް ފުލުހުންވަނީ އޭނާގެ ކަށިތައް ކަނޑުއަޑިން ހޯދާފައެވެ. އެ މައްސަލައިގައި ދައުވާ ކުރަނީ ބަންގަލަދޭޝްގެ ތިން ރައްޔިތަކަށެވެ.

މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުވާ ލިބޭ އަލަމިންގެ ގާނޫނީ ވަކީލެއް ނެތުމުން ގާޒީ ވަނީ ވަކީލެއް ނެތި ކުރިއަށް ދާން ބޭނުންވޭތޯ ސުވާލުކުރައްވާފައެވެ.

އަލަމިން ބުނީ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި ވަކީލަކު އައްޔަން ކުރަން 15 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ވަކީލެއް ހަމަނުޖެއްސިފައިވަނީ ބަންދުގައި ހުރުމުން އެކަން ކުރަން އުނދަގޫވާތީ ކަމަށްވެސް އަލަމިން ބުންޏެވެ.

މީގެކުރިންވެސް ވަކީލަކު އައްޔަން ކުރަން ގިނަ ދުވަސްތަކެއް ދީފައިވުމާއެކު މައްސަލަ އަވަސް ކުރުމުގެ ގޮތުން ގާޒީވަނީ ހަތް ދުވަހުގެ މުއްދަތެއް ވަކީލަކު އައްޔަން ކުރުމަށް އަލަމިންއަށް ދެއްވާފައެވެ.

މި މައްސަލައިގެ ބާވަތުން ވަކީލަކު ބޭނުންވާނަމަ ދައުލަތުގެ ފަރާތުންވެސް ވަކީލަކު ހަމަޖައްސަން އެހީތެރިވާން ތައްޔާރަށް ތިބިކަމަށް ދައުލަތުގެ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

ވަކީލަކު ހަމަނުޖެއްސިގެން މީގެ ކުރިންވެސް މިޝަރީއަތްވަނީ ކުރިއަށްނުގެންދެވި އަޑުއެހުން ހުއްޓާލަން ޖެހުނެވެ.

މި މައްސަލަގައި އަލަމިންގެ މައްޗަށް ކުރަނީ އެނގިހުރެ ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަލަމިންގެ އިތުރުން ލުތުފަރު މަރާލުމުގައި ބައިވެރިވި ނޫރުލް އިސްލާމް ސަރުކާރު އަދި އެމްޑީ އަކްތަރު ހޮސައިންގެ މައްޗަށްވެސް އެނގިހުރެ ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ލުތުފަރު މަރާލާފައިވަނީ އޭނާ އެއްޖިއްސުން ގުޅުން ހިންގަން މަސައްކަތް ކުރިކަމަށް ބުނެއެވެ.

ލުތުފަރު މަރާލީ ކަމަށް ތިންމީހުންވެސް ތަހުގީގުގެ މަރުހަލާގައި އެއްބަސްވެ އެކަން ހިނގިގޮތް ކިޔައިދީ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް ޝަރީއަތުގައި އެކަމަށް ތިން މީހުންވެސް އިންކާރުކުރިއެވެ.

ތަހުގީގުގައި އެއްބަސްވީ އަނިޔާކޮށް ބިރުދެއްކުމުންކަމަށްވެސް އެމީހުން ބުނެއެވެ.

comment ކޮމެންޓް