ޕާކިސްތާނުން ސީއެސްސީއަށް ސްމާޓް ޓީވީ އާއި ކޮމްޕިއުޓަރުތައް ހަދިޔާކޮށްފި

ޕާކިސްތާނުގެ ސަފީރު އަތުހަރު މުުހުތާރު، ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާ އިކުއިޕްމެންޓުތައް ހަވާލު ކުރައްވަނީ -- ފޮޓޯ: ސީއެސްސީ

ޕާކިސްތާނުގެ ހައި ކޮމިޝަނުން ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ގިނަ އަދަދެއްގެ ސްމާޓް ޓީވީ އާއި ކޮމްޕިއުޓަރުތައް ހަދިޔާކޮށްފިއެވެ.

ޕާކިސްތާނުގެ ހައިކޮމިޝަނުން ސީއެސްސީއަށް ހަދިޔާކޮށްފައި ވަނީ 75 އިންޗީގެ ސްމާޓް ޓީވީ އާއި 16 ކޮމްޕިއުޓާ ސިސްޓަމާއި ހަ މޮނީޓަރާއި ތިން ލެޕްޓޮޕެވެ.

ޕާކިސްތާން ހައި ކޮމިޝަންގެ ފަރާތުން އެ އިކުއިޕްމެންޓުތައް ހަދިޔާ ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުހަރު މުުހުތާރުއެވެ. އަދި ސީއެސްސީގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ.

އެ ރަސްމިއްޔާތުގައި ނާސިހު ވަނީ ސީއެސްސީ އާއި ޕާކިސްތާނު ހައިކޮމިޝަނާ ދެމެދު އޮންނަނީ ގާތްގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ސިވިލް ސާވިސް އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަތީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށް ހެދުމަށް ސީއެސްސީން ކުރަމުންގެންދާ މަސައްކަތްތަކަށް، ހައި ކޮމިޝަނުން ހަދިޔާ ކުރި ތަކެތީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ސީއެސްސީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތަށް ފަހު ޕާކިސްތާން ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ވަނީ ސީއެސްސީއާ ގުޅިގެން މަސައްކަތް ކުރަމުންގެންދާނެ ކަމަށާއި ސިވިލް ސާވެންޓުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް