ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ނޮވެމްބަރ 26، 2017: ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އެވޯޑު ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުންކަމަށެވެ.

އެގޮތުން މި އަހަރުގެ ޒުވާނުންގެ އިނާމު 18 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 36 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި މަދުވެގެން ފަސް އަހަރު ދާއިރާގެ ތެރޭ އުޅެފައި ހުރުންވެސް ޝަރުތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ 18 ދާއިރާ:

  1. ވިޔަފާރިއާއި އިގްތިސާދު
  2. އާޓް - ފަންނުވެރި ޒުވާނާ
  3. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  4. ސިއްހީ ނުރަނގަޅު އާދަތަކާއި ދެކޮޅަށް މަސައްކަތްކުރުން
  5. ކުޅިވަރަށް ހިދުމަތްކުރުން
  6. ދަރުމަވެރިކަން
  7. ނަފްސާނީ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  8. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން
  9. ދަނޑުވެރިކަން
  10. މަސްވެރިކަން
  11. މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުން
  12. ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  13. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  14. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  15. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  16. ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުން
  17. ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ( ހާއްސަ އިނާމު)
  18. ނޭޝަނަލް ޔޫތު ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓްރީ އިން ދޭ ހާއްސަ އިނާމު

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓް ލިބިގެން ދާނެކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ.

އެގޮތުން އެޕްލިކޭޝަން https://bit.ly/3g706Uu ލިންކަަށް ނުވަތަ ސޯޝަލް ސެންޓަރުންވެސް އެޕްލިކޭޝަން ބަލައިގަންނާނެކަމަށެވެ.އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން މިނިސްޓްރީން ވަނީ އެދިފައެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

comment ކޮމެންޓް