ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް ކުރުން ޑިސެމްބަރުގައި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ހުކުމް އިއްވުން އަންނަ ޑިސެމްބަރު މަހަށް ތާވަލްކޮށްފިއެވެ.

އޭޕްރިލް 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ސްޕެޓީއުލާ ގޭ ސިޑި ކައިރި އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން ނިންމާފައިވާ ގޮތުގެ ތާވަލް އިއުލާން ކުރެއްވިއެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ހެކިބަހާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. އަދި އޮކްޓޯބަރު މަހު ބާއްވާ އަޑުއެހުމުގައި ވާރިސުންގެ ބަޔާން ނެގުމަށް ހަމަޖެހިފައިވާއިރު ނޮވެމްބަރު މަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.

ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެކަމަށް ގަނޫނުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް މައްސަލަ ނިންމެވުމަށް މި މައްސަލަ ބެއްލެވި ގާޒީން ތާވަލް ކޮށްފައިވެއެވެ. މި މައްސަލަ މިހާރު ބައްލަވަމުން ގެންދާ ގާޒީ އަކީ މި މައްސަލަ ބައްލަވާ ތިންވަނަ ގާޒީއެވެ. މީގެ ކުރިން މައްސަލަ ބެއްލެވީ މިހާރުގެ ސުޕްރީމް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން މިހާރު އިސްތިއުފާ ދެއްވާފައިވާ ގާޒީ އިބްރާހީމް އަލީއެވެ.

comment ކޮމެންޓް