އާރުޑީސީއިން ވައްކަން ކުރުމުގައި ޕީޕީއެމް/ޕީއެންސީގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފި

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހުން ބަޔަކު ތަކުރާރުކޮށް ވައްކަން ކުރަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރޭވުމެއްގެ ދަށުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ތުހުމަތު ކުރައްވައިފިއެވެ.

މޫކޭ މިހެން ވިދާޅުވީ އިއްޔެ އާރުޑީސީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން މީހަކު ވަދެ، ވައްކަން ކުރި ފަހުންނެވެ. އެއީ މި އަހަރު ތެރޭ އެ އޮފީހުން ބަޔަކު ވައްކަން ކުރި ތިން ވަނަ ފަހަރެވެ.

މޫކޭ "ސަން"އަށް ވިދާޅުވީ އާރުޑީސީއަށް ގެއްލުން ދިނުމަށް ޕީޕީއެމް އާއި ޕީއެންސީން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުދިން ބޭނުން ކުރާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ދެ ޕާޓީގެ އިސް މެމްބަރުންތަކެއް ބައިވެރިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ހާމަކުރަން ބޭނުން ނުވާ ވަރަށް ގިނަ މައުލޫމާތު އެބަހުރި. އެއީ ޕީޕީއެމް ޕީއެންސީގެ ބައެއް އިސް ލެވެލްތަކުން މިކަމުގެ ތެރޭގަ ހަރަކާތްތެރިވާކަން. ހަމަ އެކަނި އާރުޑީސީއެއް ނޫން، ސަރުކާރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކުށުގެ ވެށީގަ އުޅޭ ކުދިން ބޭނުންކޮށްގެން ހަރަކާތްތަކެއް ހިންގަން [އެމީހުން] އުޅޭކަން،" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވި ގޮތުގައި އާރުޑީސީ އޮފީހުން ފުރަތަމަ ބަޔަކު ވައްކަން ކުރުމުން އެއީ ވަގުންގެ މަސައްކަތެއް ކަމަށް ނޫން އިތުރު ތުހުމަތެއް އެ އޮފީހުން ނުކުރެއެވެ. ނަމަވެސް ފަހަކަށް އައިސް އެ އޮފީސް ފަޅާލާފަ ވަންނަ މީހުން އެއްޗެއް ގެންދަން މަސައްކަތް ކޮށްފައި ނުވާތީ އެ ހަރަކާތްތަކުގެ ފަހަތުގައި އެހެން ބަޔެއްގެ އަތެއްވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހީކުރީ އެއް ފަހަރު ފަޅާލީމަ ދެން ހަމަ ވަގުންތަކެއް އައިސް އެކަން ކުރަނީއޭ. ދެން ފަހުން ނުހުރޭ އެއްޗެހިތަކެއް ގެންދަން މަސައްކަތް ކޮށްފައެއް. އަދި އެހެން ރޫމްތަކާ ދިމާލަށް ގޮސްފަ، ނޫނީ ތަޅުލާފަ ހުންނަ ތަންތަން ހަލާކުކޮށްލައިގެން ވަންނަން ނުވަތަ ތިޖޫރީއާ ދިމާލަށް ދާން މަސައްކަތް ކޮށްފަ. ހަމަ ކޮންމެވެސް ތަނެއް ހަލާކުކޮށްލައިގެން އެތެރެވެލާފަ ބޭރުވެލާފަ ހުންނަނީ،" މޫކޭ ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމް އާއި ޕީއެންސީއާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކުރަމުންދާ ކަމަށާއި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ވައްކަންތައް ކުރަނީ އާރުޑީސީގެ ބަޔަކު ކަމަށް ދޭހަވާ ގޮތަށް ބައެއް މީހުން ދައްކާ ވާހަކަތައް އޭނާ ދޮގު ކުރެއްވިއެވެ. އަދި ކޮންމެ ފަހަރަކުވެސް ވައްކަމާ ގުޅިގެން މީހުން ހައްޔަރު ކުރާ އިރު އޭގެ ތެރޭގައި އާރުޑީސީއާ ގުޅުން ހުރި މީހަކު ނުހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެެވެ.

މޫކޭ ވިދާޅުވި ގޮތުގައި އިއްޔެ އާރުޑީސީއިން ކުރި ވައްކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ. އަދި ވައްކަން ކުރި މީހާ ގެންދިޔައީ ދެ ކޮތަޅަކާއި ޗާޖަރުތަކެއް ކަމަށާއި އެތަކެތި ބަލާދާން ފުލުހުން އެންގި ކަމަށް މޫކޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ފޯނު ނުނަގްނަވާތީ މިކަމާ ގުޅިގެން އެ ދެ ޕާޓީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް