ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު ކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާ، އަމާޒުވުމުގެ ކުރިން އެކަން ޑިފެންސް މިނިސްޓަރު މާރިޔާއަށް ހިއްސާކުރެއްވީވެސް އިލްޔާސްއެވެ.
އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ އަންނަން ޖެހިލުންވާ ކަމަށާއި، ރާއްޖެއިން ބޭރުގައި ހުރުމަށް ޗުއްޓީ އިތުރުކޮށްދިނުމަށް ރައީސް ނަޝީދު ވަނީ މިއަދު މަޖިލީހުގައި އެދިލައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ރިއާޔަތްކުރައްވައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގައި މީހުންނަށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށެެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ފެނިގެންދާ ކަމަކީ މަޖިލީހުގެ ނައިބު ރައީސް، އަދި މަޖިލީހުގެ އިއްޒަތްތެރި އެތައް މެންބަރުންތަކަކަށް އެތައް ނުރައްކަލެއް އެބަހުރި. އެމީހުންނަށް ފާރަލައި، އެބޭފުޅުން އުޅުއްވާ ތަންތަން ބަލައި ހަމަލާއެއް ދޭން އުޅޭކަމަށް އެބަ ތުހުމަތު ކުރެވޭ،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ އެފަދަ ހަމަލާތައް ރާވައި ހިންގާ މީހުންނަކީ ކޮބައިކަން ބަލައި އެމީހުން ހައްޔަރުކޮށް އިންސާފުގެ ގެންނަންޖެހޭ ކަމަށެެވެ. އެހެންނޫންނަމަ އެއްވެސް ރައްޔިތަކަށް މިނިވަންކަމާއެކު ހަމަޖެހިލައިގެން ރާއްޖޭގައި އުޅެވޭނެކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ހާއްސަކޮށް ދީނީ "ހަރުކަށި ފިކުރު" ގެ މީހުން ރާއްޖެ އެހެން މިސްރާބަކަށް ގެންގޮސް އަނދިރި ދައުލަތެއް އުފައްދައިގެން، ރައްޔިތުންގެ ތެރޭ ބިރުވެރިކަން އުފައްދައި މީހުންގެ ލޭ ހުއްދަކުރަން ގޮވާލާ ގޮވާލުން ހުއްޓުވަންޖެހޭ ކަމަށް އިލްޔާސް އިތުރަށް ވިދާޅުވިއެވެ.