އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ހުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އެޑްރެސްކޮށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ނަޝީދު ފޮނުވި ސިޓީއެއްގައި ވަނީ 6 މޭ ގައި އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ކުރުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއް ކަަމަށެވެ.
އެހެންކަމުން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދޭ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ވީމާ، މި އިއްޒަތްތެރި މަޖިލީހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، އަޅުގަނޑު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ހަލާސްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށެވެ،" ރައީސް ނަޝީދުގެ ސިޓީގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
އަދި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހާއްސަ ގޮތެއްގައި އިންޓަޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.