ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކި ކުރާ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

ޖުލައި 26، 2021: ރައްޔިތުންގެ މަޖިލީހު ދަނގެދީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެދީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް މަޖިލީހުގެ 241 ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިފިއެވެ.

ނާޒިމް "ސަން" އަށް ވިދާޅުވީ މި މައްސަލަ ބެލުމަށް މަޖިލީހަށް މިއަދު ސިޓީ ލައިފައިވާކަމަށެވެ.

"އަޅުގަނޑުގެ މަގުސަދަކީ އެމީހުންނަށް އިންސާފު ހޯދައިދިނުން. އެހާ ގިނަ ދުވަހު ހިދުމަތުގައި ތިއްބެވި ބޭފުޅުން ކުއްލިއަކަށް ވަޒީފާއިން ވަކި ކުރުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަޒީފާއިން ވަކި ކުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ފުރިހަމަނުކޮށް ކުއްލިއަކަށް ވަކި ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

"މިސާލަކަށް ކަމަކާ ތުހުމަތުކުރެވޭ މީހެއް ނަމަ އެކަމާ ސުވާލުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބެންޖެހޭނެ. އެ ފުރުސަތު ދީފަ ނޫނީ އެއްވެސް މީހަކަށް ފިޔަވަޅު އަޅައިގެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މައްސަލަ ބެލޭނެ ގޮތެއްކަމަށް އޭނާ ދެކެނީ މަޖިލީހުންކަމަށެވެ. އަދި އޭނާއަކީ މަޖިލީހުގެ މެމްބަރެއް ކަމަށްވުމާއެކު އިމުގެ ތެރެއިން އިންސާފު ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެކަމަށެވެ.

ހަމައެއާއެކު މިއަދު ފުލުހުންގެ ގާނޫނެއް އޮތް އިރު ފުލުހުންގެ މުއައްސަސާވެސް އެ ގާނޫނުގެ ތެރެއިން މަޑުމަޑުން ހިނގަމުން އަންނަކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ރަނގަޅުކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންނަށް ފެންނަ ކަމެއް ހުށަހަޅައިގެން މަޝްވަރާކުރަމުން،" ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް