އައްސަދާއި ޝިއުނާ ބޭޒާރުވާފަދަ ހެކި އެބަހުރި: މަހުލޫފު

މޭ 5، 2021: އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަައިގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށް މަހްލޫފު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގައި ބުނެފައިވާ ގޮތާ ހިލާފަށް ލަންކާގެ ރައްޔިތެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

މަހްލޫފު މިއަދު "ސަން" އަށް ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ބަޔަކު ޕްރެޝަރު ކޮށްގެން މަސައްކަތް ކުރާ ކަމަށެވެ.

ދައުވާކުރަން މަސައްކަތް ކުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމަށް ކަމަށް ދޭހަވާގޮތަށް ވާހަކަދައްކަވައި މަހްލޫފު ވިދާޅުވީ އެކަމުގެ ތެރޭގައި އައްސަދާއި ޝިއުނާ ހިމެނޭ ކަަމަށެވެ. އަދި އެމީހުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޕްރެޝަރު ކޮށްފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

"މި ޕްރޮސެސް ތެރޭގައި މުޅި މިހާރު އައްސަދުއާ، ޝިއުނާއާ މިކަހަލަ މީސްމީހުންނާ ބެހޭ ބައެއް ކަންކަން އަޅުގަނޑަށް މި މައްސަލައާ ގުޅިގެން ލިބިފަ ހުރި އެއްޗިހި އަޅުގަނޑު އަތުގަ މިހިރަ ބައެއް އެއްޗިހި އަޅުގަނޑު ޕަބްލިކަށް ދޫކޮށްފިކަމަށް ވާނަމަ މި މީހުންގެ މި އިންޓަގްރިޓީ މާ ހައި ބައެއް ކަަމަށް ދައްކައިގެން މި ކުރާ މަސައްކަތް، މި ހުރިހާ ކަމެއް ކޮށްފަ ހުރިހާ ހަޑިއެއް ހާވަފަ ޝަމީމާ ހަމައަށް ފޮނުވާފަ އަދިވެސް ޝަމީމަށްވެސް ޕްރެޝަރުކޮށްގެން ހަގީގަތުގަ މުޅި މައްސަލަ ހިފަހައްޓައިގެން މި ތިބެނީ،" މަހްލޫފު ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން، މި މައްސަލަ ވަކި ގޮތަކަށް ގެންދަން ޝިއުނާއާއި އައްސަދު ދައްކާފަ ހުރި ވާހަކަތައް އެބަހުރި. އެހެންވީމަ އެހިސާބުން ފެށިގެން އެބަ އެނގޭ އެމީހުންގެ ނިޔަތަކީ ކޮބައިކަން،" މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ބަލައި ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރާނަމަ ކުރަން ނުވަތަ ނުކުރާނަމަ ނުކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް މައްސަލަ ސާބިތުވާ ވަރުގެ ހެކި ނުދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

ކޯޓަށް މައްސަލަ ފޮނުވައިފިނަމަ، އެ މައްސަލައަކީ "ދައުލަތް އޮރިޔާން" ވާ ވަރުގެ މައްސަލައެއް ކަމަށާއި، އެމްއެމްޕީއާރުސީ މައްސަލައިގަ އެކަކަށްވެސް ދައުވާ ނުކުރެވޭ ފަދަ މައްސަލައަކަށް ވެގެންދާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވުމާއެކު އޭނާ ވަނީ ޔޫތް މިނިސްޓަރު ކަމުގެ މަގާމުން ސަސްޕެންޑުކޮށްފައެެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

ނަމަވެސް މަހުލޫފު ވަނީ އޭނާ އެ ބިލަށް ވޯޓު ދެއްވީ އޭރު އޭނާ ހުންނެވި ޕީޕީއެމްގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ފައިސާ ބަދަލު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ، އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

comment ކޮމެންޓް