ދުންފަތާ ދުރުވިތާ 2 އަހަރު: މަހުލޫފް ވިދާޅުވީ ހައްޓަށް ވެސް ޖީބަށް ވެސް ލުއިކަމަށް

ކުރީގެ މިނިސްޓަރު މަހުލޫފް: އޭނާ ދުންފަތާ ދުރުވިތާ 2 އަހަރުވެއްޖެ -- ސަން ފައިލް ފޮޓޯ

"ތެދަށް ބުނާނަމަ އަޅުގަނޑަކަށް ނުވި ހަމަ އެއްވެސް ކަމަކަށް. އަޅުގަނޑު އެއް ދުވަހަކު އަމިއްލައަށް ނިންމީ ތިމަންނަ ދެން ސިނގިރޭޓެއް ނުބޯނަމޭ. ދެޓްސް އިޓް. އަޅުގަނޑަކަށް ނުވި ހަމަ އެއްވެސް އުނދަގޫ ކަމަކަށް،" މީގެ ދެ އަހަރު ކުރިން ދުންފަތާ އެއްކޮށް ދުރުވި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

އުމުރުން 18 އަހަރު ވީއްސުރެ ސިނގިރޭޓު ބޯން ފަށައި، އެ އާދަ ގައިގައި ހަރުލާފައި ހުރި ނަމަވެސް، މަހުލޫފް ސާބިތުކޮށްދިނީ ދުންފަތާ އެއްކޮށް ދުރުވެވިދާނެކަމެވެ.

މީގެ ދެ އަހަރު ކުރިން ފެބްރުއަރީ 19ގައި އޭރު މިނިސްޓަރުކަމުގައި ހުންނަވައި މަހުލޫފް ވަނީ އޭޝިއަން ޝޫޓިން ފެޑަރޭޝަންގެ ރައީސާ އެކު ކުއްލި ބައްދަލުކުރެއްވުމަކަށް ކުވެއިތަށް ވަޑައިގެންފައެވެ. އެންމެ ފުރަތަމަ ވެސް ދުބާއީއަށް ވަޑައިގެންނެވިއިރު އެތަނުގެ މާހައުލު ވަރަށް ހޫނު ކަމަށާއި، އެހެންނަމަވެސް ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރުގެ ފްލައިޓެއްގައި ކުވެއިތަށް ވަޑައިގެންނެވިއިރު އެ ގައުމުގެ މާހައުލު ވަރަށް ފިނި ކަމަށް މަހުލޫފް ކިޔައިދިނެވެ.

"ގާތްގަނޑަކަށް ތިން ޑިގްރީގައި ހުރީ. ފިނި ހެދުން ވެސް ނުލާ ދިޔައީ. ދެން ކުއްލިއަކަށް އެ ތަނުގައި ހުއްޓާ ސޮއާ ތްރޯޓް ޖެހިގެން އުޅުނީ. ދެން އެ ދުވަހު ހިތަށް އަރައިފި ހާދަ ފޫހިކަމެކޭ ދެން މިއީ. އެހެން ހިތަށް އަރާފައި ދެން ހިތަށް އެރީ ވެއްޖެއޭ މިކަން ހުއްޓާލަން،" މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭރު ވެސް ޖީބުގައި ސިނގިރޭޓު ފޮއްޓެއް އޮތް ކަމަށެވެ. އަބަދު ވެސް އުޅެނީ ސިނގިރޭޓު ހިފައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގައި އަޅުގަނޑަކީ ވެސް ކައި ނިމިގެން ވަރަށް ސިނގިރޭޓެއް ބޯލާހިތްވާ މީހެއް،" އޭރުގެ އިހުސާސްތައް ކިޔައިދެއްވިއެވެ.

މަހުލޫފް ވަނީ އޭރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި ހުންނެވިއިރު އޭނާ ހައްޔަރުކުރި ދުވަސްތަކުގެ ވާހަކަތައް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން، އޭރު ދޫނިދޫ ޖަލުގައި އޮތްއިރު ކައިގެން އެންމެ ބޮޑަށް "މިސްވީ" ސިނގިރޭޓު ކަމަށް ވިދާޅުވިއެވެ.

މަހުލޫފް ރައްޔިތުންގެ މަޖިލީހުގައި-- ފޮޓޯ/ މަޖިލިސް

"އެކަމަކު ދެން ކްރޭވްކުރާ ވަގުތުތައް ވެސް އައިސް ހެދި. އަޅުގަނޑު އެންމެ ގިނައިން ސިނގިރޭޓު ބޯނީ ކޮފީގައާއި ކައި ނިމިގެން. ހެވީ ސްމޯކާއެއް ނޫން އޭރުގައި ވެސް،" އޭނާ ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އޭނާއަކީ 'ހެވީ ސްމޯކާ'އެއް ނޫނެވެ. ދުވާލެއްގެ މައްޗަށް އެއް ފޮށި ހުސްނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މެޑިކަލް ޗެކަޕެއް ހަދާލުމުން އޭނާގެ ފުއްޕާމޭގައި ޕެޗްތަކެއް ހުރިކަން އެނގުނު ހިސާބުން ހައިރާންވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން އޭނާ ހިތަށް އެރިއެވެ. އަދި ގަދައަށް ބޯނަމަ ކިހާވަރެއް ވާނެބާއެވެ؟

"އެހާ ގަދައަށް ސިނގިރޭޓު ބޯ މީހަކަށް ނުވާއިރު، ގަދައޭ މި ދަންނަވަނީ އެއް ފޮށި ސިނގިރޭޓެއް އަޅުގަނޑަކަށް ދުވާލަކު ހުހެއް ނުވޭ، އެކަމު ހަމަ ކޮންމެ ފަހަރަކު ވެސް މެޑިކަލް ޗެކަޕެއް ހަދާއިރު ވެސް ޑޮކްޓަރުން އެ ވާހަކަ މެންޝަން ކުރޭ،" މަހުލޫފް ވިދާޅުވިއެވެ.

ސިނގިރޭޓުން ލިބޭ ގެއްލުން ނުރައްކާތެރިވާ އަނެއް ކަމަކީ އެއީ ހަމައެކަނި އެ ބޯ މީހުންނަށް އެކެނި ވާ ގެއްލުމަކަށް ނުވުމެވެ. ސިނގިރޭޓު ނުބުއި ނަމަވެސް އޭގެ ދުމުގެ އަސަރު ދެން ތިބޭ މީހުންނަށް ވެސް ކުރެއެވެ. މަހުލޫފް ވަނީ އެކަމުގެ މިސާލެއް ވެސް ހިއްސާކުރައްވައިފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އިފްތިތާހުުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު މަހުލޫފް -- ސަން ފޮޓޯ / ނާއިލް

"އަޅުގަނޑު ދަންނަ ސްމޯކް ނުކުރާ މީހަކު މި ފަހުން ވެސް ބައިޕާސެއް ހަދާފައި އަޅުގަނޑު ކައިރީ ބުނި ޑޮކްޓަރު ބުންޏޯ ވަރަށް ގަދަޔަށް ސިނގިރޭޓު ބޮންހެއްޔޭ؟ ލަންގްސް ވަރަށް ސަކަރާތޭ. އެކަމު އެއީ ދުވަހަކު ވެސް ސިނގިރޭޓެއް ބުއި މީހެއް ނޫން. އެކަމު އެއީ ސިނގިރޭޓު ބޯ މީހުންނާ އެކީ އުޅޭ މީހެއް. އޭގެން ލިބިފައި ހުރި ގެއްލުން އަސްލު އެއީ،" މަހުލޫފް ވިދާޅުވިއެވެ.

"އެކި މީހުންނަށް އެކި ގޮތަށް މިކަމުގައި ކޯޕް ކުރެވޭނީ. އަޅުގަނޑަށް ހީވަނީ އެއީ ވިލް ޕަވާހެން ހުރިހާ އެއްޗަކީ ވެސް،"

ހައްޓަށް ލުއި، ޖީބަށް ވެސް ލުއި

ސިނގިރޭޓު ހުއްޓާލުމުން ހަމައެކަނި ފައިދާވީ ހަށިގަނޑަށް އެކަނި ނޫން ކަމަށާއި ޖީބަށް ވެސް ވަރަށް ބޮޑަށް ލުއިވެގެން ދިޔަކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. އެއީ އެކަން ހުއްޓާލުމުން ކަންވާނެ ގޮތްކަން އެންމެންނަށް ވެސް އެނގޭ 'ވެލް ނޯން ފެކްޓެއް' ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އޭރު އަޅުގަނޑު އަތުން މަހަކު 6،000 އެއްހާ ރުފިޔާ ދޭ މަހެއްގެ މައްޗަށް. މިހާރު ނަމަ އަދި އެއަށްވުރެ ބޮޑުވެފައިތާ ހުންނާނީ،" މަހުލޫފް އޭރު ސިނގިރޭޓަށް ކުރި ހޭދަ ހިއްސާކުރެއްވިއެވެ.

"އަނެއްކާ މިހާރު ދުވަހެއް ދުވަހަކަށް އޭގެ އެކްސްޕެންސް ވަރަށް ބޮޑުވަމުންދާއިރު އެއަށް ވުރެ މާ ރަނގަޅަށް އެ ފައިސާ ކޮންމެ ވެސް އެހެން ކަމަކަށް ބޭނުންކުރެވޭނެ ސޭވްކުރެވިއްޖިއްޔާ ދެއްތޯ؟"

މަހުލޫފް ވަނީ ކޮންމެ މީހަކު ވެސް ދުންފަތާ ދުރުވުމަށް ނަސޭހަތްތެރިވެފައެވެ. އެއީ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް ނުވިސްނުމަށް ވެސް އެދިފައެވެ.

comment ކޮމެންޓް