ޒުވާނުންގެ އާބާދީގެ 7.3 ޕަސަންޓު ވަޒީފާއެއް ނެތި

ޒުވާނުންގެ އާބާދީގެ 7.3 ޕަސެންޓު މީހުންގެ ވަޒީފާއެއް ނެތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 7.3 ޕަސަންޓު މީހުން ވަޒީފާ އަދާ ނުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމު ކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގެ އާބާދީގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ އަދަދު 257،215އަށް އަރައެވެ. އެއީ މުޅި އާބާދީގެ 45 ޕަސަންޓެވެ. އަދި އޭގެ ތެރެއިން މިވަގުތު ވަޒީފާއެއްގައި 7.3 ޕަސަންޓު މީހުންނޫޅޭ ކަމަށް ދައްކައެވެ.

ވަަޒީފާއެއް ނެތުމުގެ އިތުރަށް، ތައުލީމު ނުވަތަ ތަމްރީނު ހާސިލު ކުރުމުގައި ޝާމިލު ނުވާ ޒުވާނުންގެ އަދަދުވެސް އެ ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ 41 ޕަސަންޓު އަންހެނުންނާއި 15 ޕަސަންޓު ފިރިހެނުން އެ ކެޓެގަރީގައި ހިމެނެއެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ޒުވާނުންގެ ތެރެއިން 10 ޕަސަންޓު މީހުން ނުރަސްމީ ވަޒީފާތައް އަދާ ކުރެއެވެ. އަދި މަސްވެރިކަމާއި ހުއިފިލަނޑާ އާލާ ކުރުންފަދަ އެކުއަކަލްޗާ މަސައްކަތްތަކުގައި 3،654 ޒުވާނުންނާއި ކާނާ އުފެއްދުމުގައި 2،454 ޒުވާނުން ބައިވެރިވެއެވެ.

މީގެ އިތުރުން، 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 77 ޕަސަންޓު މީހުން މަތީ ސާނަވީއަށް ކިޔަވާފައިވާ ކަމަށާއި 12 ޕަސެންޓު މީހުން ޓާޝަރީ ތައުލީމު ހާސިލުކޮށްފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަ ކުރިއެވެ.

comment ކޮމެންޓް