ހަތް މޮބައިލް ގޭމަކަށް މިހާރު މަހެއްގެ މައްޗަށް 100 މިލިއަން ޑޮލަރު ލިބޭ ކަމަށް، މޮބައިލް އެޕްލިކޭޝަންތަކާ ބެހޭ އެނެލެޓިކްސް ހަދާ ކުންފުންޏެއް ކަމަށްވާ "އެޕް އެނީ" އިން ރިޕޯޓުކޮށްފިއެވެ.
އެޕް އެނީގެ ރިޕޯޓެއްގައިވާ ގޮތުން، އައިއޯއެސް އެޕް ސްޓޯ އާއި ގޫގުލް ޕްލޭ ބޭނުންކޮށްގެން މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ކޮންމެ ހަފްތާއަކު ޑައުންލޯޑު ކުރާ މޮބައިލް ގޭމްތަކުގެ އަދަދު އެއް ބިލިއަނަށް ވުރެ ގިނައެވެ.
އޭގެ ސަބަބުން އެ ގޭމްތަކަށް މީހުން އެޕް ސްޓޯރުގައި ހޭދަ ކުރާ މިންވަރު ހަފްތާއަކު 1.7 ބިލިއަން ޑޮލަރަށް އަރައެވެ.
އެ ހުރިހާ ގޭމެއްގެ ތެރެއިން މަހަކު 100 މިލިއަން ޑޮލަރު ލިބެނީ ކޮން ގޭމުތަކަށް ކަމެއް އެޕް އެނީން ފާހަގަ ނުކުރެއެވެ. ނަމަވެސް ފޯބްސްއިން ލަފާ ކުރާ ގޮތުގައި އެ ހަތް ގޭމަކީ:
- ޕޮކެމޮން ގޯ
- ރޯބްލޮކްސް
- ކޭންޑީ ކްރަޝް ސާގާ
- ފްރީ ފަޔާ
- ގެންޝިން އިމްޕެކްޓް
- ހޯމްސްޕޭސެސް
- ކޮއިން މާސްޓާ
ފޯބްސްއިން ފާހަގަ ކުރި ގޮތުގައި 2019 ވަނަ އަހަރު، މަހަކަށް 100 މިލިއަން ޑޮލަރު ހޯދީ އެންމެ ދެ މޮބައިލް ގޭމަކުންނެވެ. ނަމަވެސް އެއީ ކޮން ދެ ގޭމެއް ކަމެއް ހާމަ ނުކުރެ އެވެ.
މީގެ އިތުރުން އެޕް އެނީގެ ރިޕޯޓުގައިވާ ގޮތުން މޮބައިލް ގޭމްތައް އެންމެ ގިނައިން ޑައުންލޯޑް ކުރަނީ އިންޑިއާ، އެމެރިކާ އަދި ބްރެޒިލްގައެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާ އެ ލިސްޓުގެ ކުރީގައި ހިމެނިފައި ނުވަނީ އެގައުމުގައި ސްމާޓްފޯނުތަކަށް އެޕް އަޅަން އާންމުކޮށް ގޫގުލް ޕްލޭ ބޭނުން ނުކުރާތީއެވެ. އަދި ބޭރުގެ ގިނަ އަދަދެއްގެ އެޕްތައް އެގައުމުގައި ބްލޮކް ކޮށްފައި ވާތީއެވެ.