ބެޔޮނާޓާގެ ވޮއިސް އެކްޓަރަށް ދިން މުސާރަ ކުޑަވުމުން މައްސަލަ ހޫނުވެއްޖެ

މަޝްހޫރު ގޭމް ސީރީޒްއެއް ކަމަށްވާ "ބެޔޮނާޓާ"ގެ ލީޑް ކެރެކްޓަރުގެ އިތުރުން އެހެން ކެރެކްޓަރުތަކެއްގެ އަޑު އަޅާފައިވާ ހެލީނާ ޓޭލާ --

މަޝްހޫރު ގޭމް ފްރެންޗައިޒްގެ ލީޑް ކެރެކްޓަރަކަށް އަޑު އަޅާ އާޓިސްޓަކަށް މުސާރައިގެ ގޮތުގައި އެންމެ 4،000 ޑޮލަރު ދޭން އުޅުނު މައްސަލައެއް ހޫނުވެއްޖެއެވެ.

މަޝްހޫރު ގޭމް ސީރީޒްއެއް ކަމަށްވާ "ބެޔޮނާޓާ"ގެ ލީޑް ކެރެކްޓަރުގެ އިތުރުން އެހެން ކެރެކްޓަރުތަކެއްގެ އަޑު އަޅާފައިވަނީ ހެލީނާ ޓޭލާ ނަމަކަށް ކިޔާ އާޓިސްޓެކެވެ.

ބެޔޮނާޓާގެ ތިންވަނަ ބައި ރިލީޒްކުރަން މިހާރު ތައްޔާރުވެފައިވާއިރު އެ ބަޔަށް އަޑުއެޅުމަށް ހެލީނާއަށް ދީފައިވަނީ 4،000 ޑޮލަރު ކަމަށް ދާދި ފަހުން އޭނާ ވަނީ ބުނެފައެވެ. އެއާއެކު އެ މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ބުނެ މަސައްކަތް ދޫކޮށްލި ކަމަށް ހެލީނާ ބުންޏެވެ.

އޭގެ ސަބަބުން، ގޭމް އުފައްދާ ކުންފުނި ކަމަށްވާ ޕްލެޓިނަމް ގޭމްސްއިން ވަނީ ހެލީނާގެ ބަދަލުގައި އެހެން ވޮއިސް އެކްޓަރަކަށް އޭނާގެ ރޯލު ދީފައެވެ.

ހެލީނާ ބުނި ގޮތުގައި އެތައް އަހަރެއް ވަންދެން އޭނާ ބެޔޮނާޓާއަށް އަޑު އަޅާދީފައިވީ ނަމަވެސް އޭނާގެ މަސައްކަތް ޕްލެޓިނަމް ގޭމްސްއިން ބަލައިނުގަނެއެވެ. އަދި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު މުސާރައަކީ 4،000 ޑޮލަރު ކަމަށް ކުންފުނިން ބުނި ކަމަށް ހެލީނާ ބުންޏެވެ.

ހެލީނާ ބުނިގޮތުގައި އޭނާ އުޅެނީ މި މަސައްކަތުން މާ ގިނަ އަދަދަކަށް ފައިސާ ހޯދާކަށް ނޫނެވެ. ނަމަވެސް އަމިއްލަ ޚަރަދުތައް ދެކޮޅު ޖެއްސޭ ވަރަށް އޭނާއަށް ވެސް ފައިސާ ބޭނުންވާ ކަމަށް ހެލީނާ ބުންޏެވެ. އަދި އެއީ 450 މިލިއަން ޑޮލަރު ހޯދާފައިވާ ފްރެންޗައިޒްއަކަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ހެލީނާ އެދެނީ ބެޔޮނާޓާގެ ތިންވަނަ ބައި މީހުން ނުގަތުމަށެވެ. އަދި އެ ގޭމް ގަންނަން ޚަރަދު ކުރަން ނިންމާފައިވާ ފައިސާ ކޮންމެވެސް ޗެރިޓީއަކަށް ދިނުމަށް އޭނާ ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އެތައް ފޭނުންނެއް ވަނީ ހެލީނާއާ އެއްކޮޅަށް އަރާފައެވެ. އަދި ހެލީނާއަށް ހައްގުވާ ފައިސާ ދޭން ޓްވިޓާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެ މައްސަލައާ ގުޅިގެން ޕްލެޓިނަމްގެ ނައިބު ރައީސް ހިދެކީ ކަމިޔާ ކުރި ޓްވީޓެއްގައި ވަނީ ހެލީނާ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން މިވަގުތު އިތުރަށް ވާހަކަ ދެއްކެން ނެތް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް