ޓްވިޓާގެ ފޮންޓު ބަދަލުކޮށްފި

ޓްވިޓާގެ އެޕާއި ވެބް ވާޝަންގެ ޑިޒައިނަށްވެސް ބަދަލުތައް ގެނެސްފައިވޭ -- ފޮޓޯ: ޓްވިޓާ

ޓްވިޓާގެ ޑިޒައިން އާކޮށް، އެ އެޕްލިކޭޝަނުން ފެންނަން ހުންނަ ފޮންޓު ބަދަލުކޮށްފިއެވެ.

ޓްވިޓާގެ އެޕާއި ވެބް ވާޝަންއަށްވެސް މިހާރު ތައާރަފް ކުރަމުންދާ "ޗަރޕް" ފޮންޓަކީ އެ ކުންފުނީގެ އަމިއްލަ އުފެއްދުމެކެވެ. އެ ފޮންޓު އުފައްދާކަން ޓްވިޓާއިން އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ޓްވިޓާގެ ޑިޒައިނަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި އެ ޕްލެޓްފޯމްގެ ކުލަތައް ތަފާތުކޮށްލުން ހިމެނެއެވެ. އެގޮތުން މީގެ ކުރިން ނޫ ކުލައިން ފެނިގެން ދިޔަ ބައެއް ބަޓަންތައް މިހާރު ވަނީ ކަޅާއި ހުދަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި "ފޮލޯ" ބަޓަންވެސް ހިމެނެއެވެ.

ޓްވިޓާ ލައިޓް މޯޑުގައި ބޭނުން ކުރާ އިރު މިހާރު ފޮލޯ ބަޓަން ފެންނަނީ ކަޅު ކުލައިންނެވެ. އަދި ފޮލޯ ކުރުމުން އެ ބަޓަން ފެންނަނީ ހުދު ކުލައިންނެވެ. އެ ބަދަލާ އެކު ބައެއް މީހުންނަށް އޮޅުން އަރާ ކަމަށް ބުނެ ޝަކުވާކޮށްފައިވެއެވެ.

ޓްވިޓާއިން ވަނީ މި އަހަރު ތެރޭ އިތުރު ފީޗާތައްވެސް ޓެސްޓުކޮށް، ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި މިވަގުތު އެންމެ މަޝްހޫރު އެއް އެޕް ކަމަށްވާ ކްލަބްހައުސްއާ އެއްގޮތަށް ހަމައެކަނި އޯޑިއޯ މަޝްވަރާތައް ކުރެވޭ ޓްވިޓާ ސްޕޭސެސް ހިމެނެއެވެ.

comment ކޮމެންޓް