ފަސް އަހަރަށް ފަހު ވެން ހާލް އެނބުރި ނެދަލޭންޑްސްގެ ކޯޗުކަމަށް

ވޭން ހާލް 2014 ވަނަ އަހަރު ވޯލްޑް ކަޕް މެޗެއްގެ ތެރެއިން--- ފޮޓޯ: ގާޑިއަން

ތަޖުރިބާކާރު ކޯޗު ލުއިސް ވެން ހާލް ފަސް އަހަރަށް ފަހު އަލުން ފުޓުބޯޅައިގެ ތެރެއަށް ނިކުމެއްޖެއެވެ. ވެން ހާލް އަލުން ފުޓުބޯޅައާ ގުޅުނީ ނެދަލޭންޑްސްގެ ގައުމީ ޓީމާއި އެކުގައެވެ.

ތިން ވަނަ ފަހަރަށް ނެދަލޭންޑްސްގެ ގައުމީ ޓީމާ ހަވާލުވި 69 އަހަރުގެ ވެން ހާލްގެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ވަނީ ނެދަލޭންޑްސް އާއެކު އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 އިން ނެދަލޭންޑްސް ކެޓުމާއެކު އޭރުގެ ކޯޗު ފްރޭންޑް ޑެ ބޯ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

މީގެކުރިން 2000 ވަނަ އަހަރުން 2002 ވަނަ އަހަރަށް އަދި 2012 އިން 2014 ވަނަ އަހަރަށް ނެދަލޭންޑްސްގެ ކޯޗެއްގެ ގޮތުގައި ހުރި ވެން ހާލް އެންމެ ފަހުން ކޯޗުކަން ކޮށްދީފައި ވަނީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަށެވެ.

އަދި 2014 ވަނަ އަހަރު ވެން ހާލްގެ އިރުޝާދުގެ ދަށުން ނިކުމެ ނެދަލޭންޑްސް ވަނީ ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅެފައެވެ.

ނެދަލޭންޑްސްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ދިން އިންޓަވިއުގައި ވެން ހާލް ބުނީ ޑަޗް ފުޓުބޯޅަ އަކީ އަބަދުވެސް އޭނާގެ ހިތާ އެންމެ ގާތުގައިވާ ކަންތައްކަމަށާއި ނެދަލޭންޑްސްގެ ކޯޗު ކަމުގައި ހުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ވެން ހާލް ބުނީ ވަގުތު ކުޑަތަން ވެފައިވާ ކަމަށާއި މިހާރު ވިސްނުން ހުރީ ކޮލިފައިން މެޗުތަކައް ކަމަށެވެ.

"ކޮލިފައިން މެޗުތަކައް ވަރަށް ވަގުތު ކުޑަތަންވެފަ މިއޮތީ، ވަރަށް މުހިންމު މެޗުތަކުގައި ނަތީޖާ ނެރެން، އަހަރެންގެ އެންމެ ފުރަތަމަ ކަމަކީ ސްކޮޑު އެކުލަވާލުން" ވެން ހާލް ބުންޏެވެ.

ކޮލިފައިންގައި ވެން ހާލްގެ އެންމެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ގޮވައިގެން އޭނާ ނިކުންނާނީ ނޯވޭ އާއި ދެކޮޅަށެވެ.

comment ކޮމެންޓް