އަމޮރިމްއަށް ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ: ސްޕޯޓިން

އަމޮރިމް: އޭނާއަށް އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސްޕޯޓިންއިން ބުނޭ --

ލީގާ ޕޯޗުގަލްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމްއަށް އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ސްޕޯޓިންއިން ހާމަކޮށްފިއެވެ.

ސްޕޯޓިންއިން, މާލީ ކަންތައްތައް ރެގިއުލޭޓް ކުރާ ސީއެމްވީއެމްއަށް ދިން ބަޔާނެއްގައި ބުނީ ޔުނައިޓެޑުން އަމޮރިމްއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި އަދި އެކަމަށްޓަކައި ޔުނައިޓުން އޮތީ އޭނާގެ ރިލީސް ކްލައުސްގައި ހިމެނޭ 10 މިލިއަން ޔޫރޯ އެކްލަބަށް ދައްކަންވެސް ތައްޔާރަށް ކަމަށެވެ.

ޔުނައިޓެޑުން އިއްޔެގެ ވަގުތެއްގައި އެޓީމުގެ ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކިކުރުމަށްފަހު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. އުމުރުން 39 އަހަރުގެ އަމޮރިމްއަކީ ސްޕޯޓިން އާއެކު ލީގާ ޕޯޗުގަލްގެ ތަށި ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޔޫރަޕްގެ ފުޓްބޯޅައިގައި މިވަގުތު ވަރަށް މަގްބޫލް އެއް ކޯޗެވެ. ނަމަވެސް މި ޚަބަރުތަކަށް އެއްޗެއް ބުނުމަށް ޔުނައިޓެޑުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ޓެން ހާގް މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުން އެޓީމު ކުރީގެ ކުޅުންތެރިޔާ އަދި ޓޭން ހާގްގެ އެސިސްޓަންޓް ރޫޑް ވެން ނިސްޓެރޯއީއާ ހަވާލުކޮށްފައިވާއިރު މާދަމާ ރޭ ކަރަބާއޮ ކަޕްގައި އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯޗަކަށް ހުންނާނީ ނިސްޓެރޯއީއެވެ.

ލީގުގައި ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މިއަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ޗެލްސީއާ ދެކޮޅަށެވެ. މިރޭ ޕޯޗުގީސް ލީގް ކަޕްގައި ސްޕޯޓިން އާއި ނެސިއޮނާލް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރިއިރު އަމޮރިމްވަނީ އޭނާއަށް މިކަމާ ބެހޭގޮތުން ސުވާލު އަންނާނެކަން އެނގޭ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން އޭނާ ދެކޮޅު ހެދިއެވެ. ސްޕޯޓީންއާ އެކު އަމޮރިމް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

އިނގިރޭސި ނޫސްތަކުގައިވާ ގޮތުން މިއަންނަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗުން ނުވަތަ ދަނޑުން އަމޮރިމް ފެނުމަކީ ގާތްކަމެކެވެ. ނަމަވެސް އަމޮރިމް އަކީ ޕޯޗުގަލްއިން ބޭރުގައި ކޯޗު ކޮށްދީފައި ނުވާ ކޯޗެއްކަމުން އޭނާ ޔުނައިޓެޑްގެ އާ ކޯޗަކަށް އައްޔަން ކޮށްފިނަމަ އޭނާއަށް އިންގްލިޝް ޕްރިމިއާ ލީގުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިރޭ ނަސިއޮނާލްއާ ދެކޮޅަށް ކުޅޭ މެޗަކީ އަމޮރިމް ސްޕޯޓިންގެ ކޯޗުގެ ގޮތުގައި ފެންނަ ފަހު މެޗަށް ވެދާނެތީ އެމެޗަށްވެސް ވަނީ މިޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައެވެ.

comment ކޮމެންޓް